މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރު ކުރި ބައި ހުޅުވައި، ޓާމިނަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އިމާރާތުގެ މަޝްރޫއު މިއަދު ފަށައިފިއެވެ.
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫޢު މޯލްޑިވިއަނުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާއި ހަވާލު ކުރީ ކުރިން އޮތް 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއ،ި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބް ބޭސް ތައްޔާރުކޮށް، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް މި މަޝްރޫއުގެ އަގަކީ 29.85 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއު ނިންމައި، ބޮޑު ކުރި ސަރަހައްދު މިއަދު ހުޅުވިއިރު، އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ ގޮތުން، އިތުރު އިމާރާތެއް އެޅުމުގެ މަޝްރޫއު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އަދި އެ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.
މިކަމާ ގުޅިގެން އައިލެންޑް އެވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭޕްރަންއަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއާޕޯޓުގައި އެއްފަހަރާ 35 އެއާ ކްރާފްޓު ޕާކު ކުރެވޭނެ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއް އޮންނައިރު، މި ޚިދުމަތް ފުޅާކުރުމަށް ޓާމިނަލް ބޮޑު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ފަންގިފިލައަށް ތަރައްގީ ކުރާ މި އިމާރާތުގައި 12،000 އަކަފޫޓޫ ހުންނާނެއެވެ. އަދި އިތުރު ލައުންޖުތަކާއި، އޮފީސް އިމާރާތް އިތުރަށް ފުރިހަމަކޮށް، ޚިދުމަތް އިތުރަށް ފުޅާކުރުމަކީ މި މަޝްރޫއުގެ ދަށުން ކުރާނެ ކަންކަމެވެ.
މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި، ދެން އެންމެ ގިނައިން ބައިނަލްއަގްވާމީ އެއާލައިންތައް ބަނދަރު ކުރާ އެއާޕޯޓެވެ. އަދި އެންމެ ގިނަ ޕްރައިވެޓް ޖެޓްތަކުގެ މަންޒިލެއް ވެސްމެއެވެ.