ޖުޑިޝަރީގެ މުވައްޒަފުން މެޕްކުރީ ޑީޖޭއޭއިން: ފިނޭންސް މިނިސްޓްރީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް، ޝަރުއީ ދާއިރާގެ މުވައްޒަފުން މެޕްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އާ ޕޭ ފްރޭމްވޯކަށް، މުވައްޒަފުން މެޕްކޮށްފައިވަނީ ޑީޖޭއޭއިން ކަމަށް، ފިނޭންސުން ބުނީ، އާ އޮނިގަނޑަށް ޝަރުއީ ދާއިރާގެ މުވައްޒަފުން މެޕް ކުރުމުގެ ހުރިހާ ކަމެއް ކޮށްފައިވަނީ ޕޭ ކޮމިޝަނުން ކަމަށް ޑީޖޭއޭއިން ތަކުރާރުކޮށް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަންގާފައިވަނިކޮށެވެ. އަދި އެކަމާ ގުޅިގެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިސްނެގުމަކަށް ޕޭ ކޮމިޝަނުން އެ މައުލޫމާތު ހޯދުމަށް، ފިނޭންސް މިނިސްޓްރީއަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުމަކަށް އެ މިނިސްޓްރީން ދިން ޖަވާބުގައެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފަކު، ފިނޭންސަށް ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި އެ އިދާރާއިން ބުނެފައިވަނީ ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަނާ ގުޅިގެން އާއްމު ކުރެވުނު ޖޮބް މެޓްރިކްސްތަކުގެ ދަށުން، ކޯޓުތަކުގެ މުވައްޒަފުން މެޕްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށެވެ.

ފިނޭންސްއިން މިގޮތަށް ޖަވާބުދިން އިރު، ޑީޖޭއޭއިން މިހާތަނަށް ބުނަމުން އައީ، މެޕް ކުރުމުގެ އެއްވެސް ކަމެއް އެ އިދާރާއިން ނުކުރާ ކަމަށާއި، އެ މަސައްކަތްކޮށްފައިވަނީ ޕޭ ކޮމިޝަނުން ކަމަށެވެ.

މުވައްޒަފުންނާ ބައްދަލުކޮށް ތަކުރާރުކޮށް ޑީޖޭއޭއިން އެ ގޮތަށް މައުލޫމާތު ދީފައިވާ ކަމަށް، "ސަން"އާ ވާހަކަ ދެއްކި ޖުޑިޝަރީ ދާއިރާގައި ގިނަ ދުވަސްވީ މުވައްޒަފަކުވަނީ ބުނެފައެވެ.

"އަޅުގަނޑުމެން ސީދާ ޑީޖޭއޭގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާއާ ދެ ފަހަރު ބައްދަލުކުރިން. މި ބައްދަލުވުންތަކުގައި، ތަކުރާރުކޮށް ޗީފް ޖޫޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު ވިދާޅުވީ، މެޕް ކުރީ ޕޭ ކޮމިޝަނުން ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް އެކަން ގަބޫލު ނުކުރެވިގެން، ފިނޭންސްއަށް އަދި ޕޭ ކޮމިޝަނަށް އާރުޓީއައި ލައިގެން އެ މައުލޫމާތު ހޯދަން ޖެހުނީ،" ނަން ހާމަކުރަން ބޭނުންނުވާ މުވައްޒަފަކު ކިޔައިދިނެވެ.

ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް، މުވައްޒަފުން ހިޖުރަކޮށްފައިވާ ގޮތާއި ގުޅޭ ގޮތުން މުވައްޒަފުންގެ މެދުގައި ބޮޑު ހިތްހަމަ ނުޖެހުމެއް އުފެދި، އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

ޕެޓިޝަން ހުށަހެޅުމުގެ ކުރިން ރާއްޖޭގެ ވަރަށް ގިނަ ކޯޓުތަކުގެ މުވައްޒަފުންވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަޅު ހެދުމުގައި އެއް ދުވަހު އޮފީހަށް ވެސް ގޮސްފައެވެ.

comment ކޮމެންޓް