ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައިގައި ސީނިއާ ސާޖަންޓް ރޭންކުގެ ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ.
އެ މުއައްސަސާއިން ބުނީ މައްސަލައާ ގުޅިގެން އެ މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވިލިމާލޭ ސްޓޭޝަނުން ސިނގިރޭޓު ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ކުރިން ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށެވެ.
އެ ކާޓަންތައް ގެއްލިފައިވާ ކަން ފުލުހުންނަށް އެނގުނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށްވާއިރު، އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި 23ގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
އޭގެއިތުރަށް، އެ މައްސަލަ ތަހުގީގު ކުރަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންމަތިވެފައިވެއެވެ. އެގޮތުން، ކަސްޓަމްސްއިން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. އެ މައްސަލަ އެ މުއައްސަސާއަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ