އެންސްޕާއިން މިދިޔަ މަހު އޭޑީކޭއާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް 7.6 މިލިއަން ރުފިޔާ

ޓްރީޓޮޕް ހޮސްޕިޓަލް: މިދިޔަ މަހު އެންމެ ގިނަ ޚަރަދު އެންސްޕާއިން ދިނީ ޓްރީޓޮޕުން ހޯދި ފަރުވާތަކަށް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ މީހުންނަށް އެނދުމަތިކޮށްގެން ފަރުވާ ދިން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ ނޮވެންބަރު މަހު 7.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްރައިވެޓް ހޮސްޕިޓަލްތަކުގައި ބޭސް ފަރުވާ ކުރުމަށް ދަތިވާ މީހުން އެނދުމަތިކޮށްގެން ފަރުވާ ދިނުމަށް 444 ފަހަރަކު ޚަރަދުކުރިއިރު، އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގީ، ޓްރީޓޮޕް ހޮސްޕިޓަލުން ހޯދި ފަރުވާތަކަށެވެ.

އެ ހޮސްޕިޓަލުން ފަރުވާ ހޯދި، 278 ކޭސްއަކަށް މިދިޔަ މަހު އެންސްޕާއިން ވަނީ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މެއި 14، 2020: އޭޑީކޭ ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ހޯދި ފަރުވާތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންސްޕާއިން ވަނީ ހޭދަކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންސްޕާގެ ހިސާބުތަކުން އެނގޭ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު ބޭސްފަރުވާ ކުރުމަށް ދަތިވާ 166 ކޭސްއަކަށް މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެ ފަރުވާތަކަށް ވަނީ، ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ޓްރީޓޮޕުން ހޯދި ފަރުވާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ހިނގީ ކަށީގެ ބަލިތަކަށް ހޯދި ފަރުވާތަކަށެވެ. އެގޮތުން، އެ ބަލިތަކަށް އެކަނި 1.1 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ކުޑަކުދިންގެ ބަލިތަކަށް އެ އެޖެންސީން ޚަރަދުވީ، 871،407 ރުފިޔާ ކަމަށް ހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، ވިހެއުމާ ގުޅޭ 60 ކޭހަކަށް 820،686 ރުފިޔާ އެންސްޕާއިން މިދިޔަ މަހު ޚަރަދުކުރިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބަލި މީހަކު ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބަލިތަކުގެ އިތުރަށް އެހެނިހެން ބަލިތަކަށް ވެސް އެންސްޕާއިން މިދިޔަ މަހު ޚަރަދުކޮށްދިނެވެ.

ނިމުނު ނޮވެންބަރުގައި އޭޑިކޭއިން އެންމެ ގިނައިން ފަރުވާ ހޯދީ ވިހެއުމަށެވެ. އެ ކަމަށް އެންސްޕާއިން ވަނީ، 25 މީހަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްދީފައެވެ. ހިސާބުތަކުން ދައްކާ ގޮތުގައި، ނާރުގެ ބަލިތަކަށް ނުވަތަ މައިބަދައަށް އޭޑީކޭއިން ފަރުވާ ހޯދި މީހުންނަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ މަހު ޚަރަދުކުރިއެވެ.

comment ކޮމެންޓް