އޭޑީކޭ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ޑރ. އަދީލް ޝަރީފް އައްޔަންކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ޑރ. އަދީލް ޑީއެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހެވެ. އެ ބަދަލަކީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް، ކުރިއެރުމާއި އީޖާދީ ބަދަލުތަކުގެ އާ މަރުހަލާއަކަށް ދިއުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަން އޭޑީކޭއިން ފާހަގަކުރިއެވެ.
ޑރ. އަދީލް ވަނީ ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވާސިޓީން އެމްބީބީއެސް ފުރިހަމަކުރެއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވާފައެވެ. އޭގެ ފަހުން އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގެ ދަށުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސް (ޔޫއެންއެސްޑަބްލިއު) އިން ގްލޯބަލް ހެލްތު އަދި ހެލްތު ލީޑަޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް މާސްޓާސް ޑިގްރީ ހާސިލުކުރެއްވިއެވެ. އޭނާގެ ތައުލީމީ ކާމިޔާބީތައް ފާހަގަކޮށް، 2023 ވަނަ އަހަރު އޮސްޓްރެލޭޝިއަން އެޕިޑެމިއޮލޮޖިކަލް އެސޯސިއޭޝަންގެ ޓޮޕް ސްޓޫޑެންޓް ޕްރައިޒް ދީފައިވެއެވެ. އަދި 2024 ވަނަ އަހަރު އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއުގެ ޓޮޕް 100 ފިއުޗާ ލީޑަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގެންނެވިއެވެ.
ފާއިތުވި ދެ އަހަރު ޑރ. އަދީލް ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަންގެ މަގާމު ފުރުއްވާފައެވެ. އެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ ހޮސްޕިޓަލުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި، ސްޓްރެޓެޖިކް ޑިވެލޮޕްމަންޓާއި، ބޮޑެތި ޕްރޮޖެކްޓްތަކުގެ އިތުރުން ޚިދުމަތްތައް ރަނގަޅުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އައު ޑީއެމްޑީ، ޑރ. އަދީލް ޝަރީފް -- މީގެ އިތުރުން، އޭޑީކޭ ހޮސްޕިޓަލުގެ ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓުގައި ޑައިވް މެޑިސިން އަދި ހައިޕަބެރިކް ފިޒީޝަނެއްގެ ގޮތުގައި ވެސް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ޑިރެކްޓާ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަންގެ މަގާމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުވުމަކީ އޭނާ ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ކުރިއެރުމެއް ކަމަށް އޭޑީކޭއިން ފާހަގަކުރެއެވެ. ކުރީގެ މަގާމުގައި ހޮސްޕިޓަލުގެ މުސްތަގުބަލަށް ސްޓްރެޓެޖިކް ކަންކަން ރޭވުމަށް އިސްކަން ދެއްވި ނަމަވެސް، އައު މަގާމާއެކު ކްލިނިކަލް އަދި އޮޕަރޭޝަނަލް ކަންކަން ހިންގުމުގެ ޒިންމާ ވެސް އޭނާއާ ހަވާލުކުރެވޭނެކަން ހޮސްޕިޓަލުން ފާހަގަކުރިއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި، ޑރ. އަދީލްގެ ހުނަރާއި ތައުލީމާއި ލީޑުކުރުމުގެ ގާބިލުކަމާމެދު ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މި މުހިންމު ދައުރާ ހަވާލުވެވަޑައިގަންނަވާއިރު، އޭނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.
ޑރ. އަދީލް ޑީއެމްޑީއަކަށް އައްޔަންކޮށްފައިވަނީ އޭޑީކޭއިން އުމްރާނީ ތަރައްގީއާއި، ޓެކްނޮލޮޖީއާއި، ކްލިނިކަލް ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ ހޮސްޕިޓަލަށް 40 އަހަރު ފުރެން ކައިރިވެފައިވާއިރު، ޑރ. އަދީލް މަސައްކަތް ކުރައްވާނީ އެމްޑީ އަފްއާލް އާއި އިސް ވެރިންގެ ޓީމާ ގުޅިގެން ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޒަމާނީކުރުމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާއެކު ކުރިއަރަމުން އައިސް، އޭޑީކޭ ހޮސްޕިޓަލަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ އަމިއްލަ ސިއްހީ ޚިދުމަތްދޭ މަރުކަޒެވެ. ޑރ. އަދީލް ޑީއެމްޑީ ކަމަށް އައްޔަންކުރުމަކީ ހޮސްޕިޓަލުގެ ތާރީޚާއި އައު ޖީލުގެ ލީޑަޝިޕް ގުޅުވާލައި، އީޖާދީ ބަދަލުތަކަށް އަމާޒުކޮށްގެން މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ސިފަކޮށްފައެވެ.