އޮޕަރޭޝަން ކުރާއިރު، ނާރުތަކުގެ ނިޒާމުގެ މަސައްކަތް ވަގުތުން ދައްކުވައިދޭ ނިއުރޯ މޮނިޓަރިން ސިސްޓަމެއް އޭޑީކޭއަށް

ނިއުރޯ މޮނިޓަރިން ޚިދުމަތް ފުޅާކުރެވުނުކަން ހާމަކުރުމަށް މިރޭ އޭޑީކޭއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޮޕަރޭޝަންތައް ކުރަމުންދާއިރު، ނާރުތަކުގެ ނިޒާމުގެ މަސައްކަތްތައް ވަގުތުން ދައްކުވައިދޭ ނިއުރޯ މޮނިޓަރިން ސިސްޓަމެއް އޭޑީކޭ ހޮސްޕިޓަލުގައި ގާއިމުކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިރޭ ބޭއްވި ހަފުލާއެއްގައި، ނިއުރޯ ސާޖާރީގެ ކޮންސަލްޓަންޓު ޑރ. މުހައްމަދު ޒައިދާން އާދިލް ވިދާޅުވީ، އޮޕަރޭޝަންތައް ކުރިއަށްދާއިރު، ތަދު ކެނޑުވުން ފަދަ ކަންކަމަށް ހޭނައްތާ ބޭސް ދޭން ޖެހޭ ކަމަށެވެ.

އެހެންވެ، ބަލި މީހާއަށް ވާ ގޮތް ދެނެގަތުމަށް ދަތިތައް ދިމާވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ނިއުރޯ މޮނިޓަރިން މެދުވެރިކޮށް، ބަލި މީހުންނަށް ވާ ގޮތް ކިޔައިނުދެވޭ ފަދަ ހާލަތްތަކުގައި އެ މީހާގެ ހަށިގަނޑުގެ ތެރޭގައި ވާ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

މި ކަން އިތުރަށް ތަފުސީލުކޮށްދެއްވަމުން ޑރ. ޒައިދާން މިސާލެއް ދެއްކެވިއެވެ. އެގޮތުން، ޓިއުމަރެއް ނެގުމަށް ބަލިމީހެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ހޭނައްތާފައި އޮންނައިރު، އެ ޓިއުމަރާ ގާތްވުމުން ނިއުރޯ މޮނިޓަރިން މެދުވެރިކޮށް އެނގޭނެކަން ޑރ. ކިޔައިދެއްވިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖާރީގެ ކޮންސަލްޓަންޓު ޑރ. މުހައްމަދު ޒައިދާން އާދިލް މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ކަންކަން އެނގެނީ، ކުދިކުދި ޕިންތަކެއް މެދުވެރިކޮށް ބަލިމީހާގެ ހަށިގަނޑާއި ނިއުރޯ މޮނިޓަރިން ސިސްޓަމާ ގުޅުވައިގެންނެވެ. މިގޮތުން، ހަށިގަނޑުގެ އެތެރޭގައި ވަމުންދާ ގޮތްތައް އެ ސިސްޓަމުން ޑޮކްޓަރުންނަށް ކިޔައިދެއެވެ.

ޑރ. ޒައިދާން ވިދާޅުވި ގޮތުގައި، މި ސިސްޓަމްގެ ސަބަބުން، އޮޕަރޭޝަންކުރާއިރު ބަލިމީހާ ޕެރެލައިޒްވުމުގެ ފުރުސަތު ކުޑަކޮށްދީ، ސިކުނޑިއާއި ސްޕައިނަލް ކޯޑާއި ނާރުތައް ރައްކާތެރިކޮށްދޭނެއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ނިއުރޯ މޮނިޓަރިން ބޭނުންކޮށްގެން ދެ އޮޕަރޭޝަނެއް ކުރީ، ޖުލައި 16އާއި 17، 2023ގައެވެ. އޭގެ ފަހުން މިދިޔަ މެއި މަހު، ނިއުރޯ މޮނިޓަރިން ބޭނުންކޮށްގެން ޓިއުމަރުން ބޮޑު ބައެއް އެ ހޮސްޕިޓަލުގައި ވަނީ ނަގާފައެވެ.

އޭގެފަހުން އެ ޚިދުމަތް އިތުރަށް ކުރިއަށް ގެންދެވޭ ގޮތަށް ނިއުރޯ މޮނިޓަރެއް ސިސްޓަމެއް މި މަހު ގާއިމުކޮށްފައިވާކަން ޑރ. ޒައިދާން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް