ކުއްލިއަކަށް މެޔަށް ތަދުވެ ހާލު ދެރަވި ޕޮލިޓެކްނިކްގެ ދަރިވަރު ފަރުވާއަށް ފަހު ދޫކޮށްލައިފި

އޭޑީކޭ ހޮސްޕިޓަލް: ފޮޓޯ/ އެޓޯލް ޓައިމް

ކުއްލި ގޮތަކަށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ މޯލްޑިވްސް ޕޮލިޓެކްނިކްގެ އަންހެން ދަރިވަރު ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެ ދަރިވަރުގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލަށް އިމަޖެންސީގައި ގެންގޮސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ޕޮލިޓެކްނިކުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ފަހު 1:30 ކަންހާއިރެވެ. އަދި ހާލު ގޯސްވި ދަރިވަރަކީ އެ މުއައްސަސާގައި ޓުއާ ގައިޑިން ކޯހުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ.

އެ ދަރިވަރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް މެއަށް ތަދުވެ، ނޭވާލާން އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

އެ ދަރިވަރުގެ ހާލަތާ ގުޅޭގޮތުން ޕޮލިޓެކްނިކުން މިއަދު "ސަން" އަށް ބުނީ ފަރުވާއަށް ފަހު އެ ދަރިވަރު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދިމާވީ މާ ބޮޑު ކަމެއް ނޫން ކަމަށާއި ދަރިވަރުގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.

https://sun.mv/227815

"އެ ދަރިވަރު މިހާރު ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި، އިއްޔެ ގެންގޮސް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފަ. އެއީކީ މާބޮޑު މައްސަލައެއް ނޫން، އެ ދަރިވަރުގެ ހާލު މިހާރު ރަނގަޅު،" ޕޮލިޓެކްނިކުން ބުންޏެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ރާއްޖޭގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ސަރުކާރުގެ މައި މުއައްސަސާއެވެ.

އެ މަރުކަޒުގައި އިންޖިނިއަރިން، އައިޓީ، ބިޒްނަސް އަދި ހޮސްޕިޓާލިޓީ ފަދަ އެކި ދާއިރާތަކުން ސެޓިފިކެޓް ފެންވަރުން ފެށިގެން ޑިޕްލޮމާ ފެންވަރަށް ކޯސްތައް ހިންގައެވެ.

މާލެ އަދި ރީޖަނަލް ކޭމްޕަސްތައް ހިމެނޭހެން 500 އާއި 800 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން ކިޔަވަމުން އަންނައިރު، ކޮންމެ އަހަރަކުވެސް 300 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއެވެ.

comment ކޮމެންޓް