މިއަދު ރާއްޖޭގައި އެންމެ ވައި ނުސާފުވާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
ވައިގެ ސާފުކަން މިންކޮށްދޭ އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި، ރާއްޖޭގައި ޔޫއެސް އައިކިއުއައި ހުރީ 57 ގައެވެ. އެއީ، ނުރައްކަލުގެ ރީނދޫ ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 12.9 މައިކްރޯގްރާމްގައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ބުނީ, މިއަދު ރާއްޖޭގައި ބޮޑަށް ވައި ނުސާފު ވާނީ އުތުރުގެ އަތޮޅުތަކަށް ކަމަށެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް ދުރުމިން ފެންނާނީ ހަތަރު ކިލޯމީޓަރު ވަރަށް ކަަމަށް އޭނާ ބުންޏެވެ. އަދި, މާލެއަށް ދުރުމިން ފެންނާނީ ފަސް ކިލޯމީޓަރަށް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
އެކަމަކު, މިއަދު ނުރައްކާ މިންވަރަކަށް ވައިނުސާފު ނުވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ބުނެފައިވެއެވެ.

އުތުރުގެ ރަށްތަކުގެ ވައި ނުސާފުކަން ދައްކައިދޭ ފޮޓޯއެއް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުކުރު ދުވަހު ވަނީ ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފު ކަމަށް ބުނެ، އޮރެންޖު އެލާޓު ނެރެފައެވެ. އައިކިއު އެއާއިން އެ ދުވަހު ދެއްކި ގޮތުގައި، މާލޭގައި ޔޫއެސް އައިކިއުއައި އެ ދުވަހު ހުރީ 117ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގައެވެ.
މާލެ ސަރަހައްދަށް ވައި ނުސާފުވުމުން އޮރެންޖު އެލާޓު ނެރުނުއިރު، މި ހަފުތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ އެޖެންސީ ވަނީ އިލްތިމާސްކޮށްފައެވެ. މި ގޮތުން، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.