ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ތައިލެންޑުން ހަމަލާދޭ ކަމަށް ކެމްބޯޑިއާއިން ބުނެފި

ކެމްބޯޑިއާގެ ޕާސަޓް ޕްރޮވިންސްގައި ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަލާކުވެފައިވާ ގެއެއް. ފޮޓޯ/އޭއެފްޕީ

ތައިލެންޑާއި ކެމްބޯޑިއާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ގައުމުންވެސް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ތައިލެންޑުން ކެމްބޯޑިއާ ސަރަހައްދަށް ބޮން އަޅަމުން ދާ ކަމަށް ކެމްބޯޑިއާއިން ތުހުމަތުކޮށްފިއެވެ.

ކެމްބޯޑިއާގެ ޑިފެންސް މިނިސްޓްރީން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ތައިލެންޑްގެ އަސްކަރިއްޔާއިން ދެ އެފް-16 ފަޔާ ޖެޓް ބޭނުންކޮށްގެން ކެމްބޯޑިއާގެ އެކި ސަރަހަދުތަކަށް އަމާޒުކޮށް ބޮމުގެ ހަތް ހަމަލާއެއް ދީފައިވާ ކަމަށެވެ.

"ތައިލެންޑްގެ ސިފައިން އަދިވެސް ބޮން އެޅުން ހުއްޓާފައެއް ނުވޭ،" އެ މިނިސްޓްރީން ބުންޏެވެ.

ކެމްބޯޑިއާގެ އިންފޮމޭޝަން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ، ޚުމޭރް ޓައިމްސްއިން ބުނީ ތައިލެންޑާ ބޯޑަރުގައި އޮންނަ ޕޫރްސާޓް ޕްރޮވިންސްގެ ތްމޯ ޑާ ސަރަހައްދުގައި ހުރި ދެ ހޮޓަލަކަށް ބޮމުގެ ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާތައް ނުހުއްޓާ ކަމަށް ކެމްބޯޑިއާއިން ބުނީ، ދެ ގައުމުގެ ދެމެދެގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

"ދެ ގައުމުގެ ޒަމާންވީ ދިގު ހަނގުރާމަ އަލުން ފެށުމުން، މިއަދު ހެނދުނު ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓްއާ ވާހަކަ ދެއްކިން." ޓްރަމްޕް އިއްޔެ އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ.

ތައިލެންޑާއިން ކެމްބޯޑިއާއި ދެމެދު ހިނގާ ހަމަނުޖެހުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/ގެޓީ

"އެ ބޭފުޅުން އެއްބަސްވެފައި ވަނީ މިއަދު ހަވީރުން ފެށިގެން ހުރިހާ ހަމަލާތަކެއް ހުއްޓާލައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އެހީތެރިކަމާއެކު އަޅުގަނޑާއި އެ ދެ ގައުމާއެކު ހެދި އަސްލު ސުލްހައިގެ އެއްބަސްވުމަށް އެނބުރި ދިއުމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ތައިލެންޑުން ކެމްބޯޑިއާއަށް ދެމުންދާ ހަމަލާތަކާއެކު، ދެ ގައުމުގެ މެދުގައި މިހާރު ހަމަލާތައް ބަދަލު ކުރާތާ މިއީ ހަ ވަނަ ދުވަހެވެ.

އެންމެ ފަހުން ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ދެ ގައުމުގެ އާންމު ރައްޔިތުންނާއި ސިފައިންގެ 20 މީހުން މަރުވެ، އިތުރު 200 އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. އަދި 800 ކިލޯމީޓަރުގެ ދިގު، ތައިލެންޑް-ކެމްބޯޑިއާ ބޯޑަރުގެ ދެފަރާތުން ވެސް ގާތްގަނޑަކަށް 600،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވޭއިރު، މި ހަމަނުޖެހުން ފެށުނީ ޒަމާންވީ ފައްޅިތަކުގެ މިލްކުވެރިކަމުގެ މައްސަލައަކާ ހެދިއެވެ.

ކެމްބޯޑިއާއާއި ތައިލެންޑާ ދެމެދު އެންމެ ފަހުން ހަމަލާތައް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި މަހެވެ. އެ ފަހަރު ވެސް ޓްރަމްޕާއި އަންވަރު އިބްރާހީމް މެދުވެވެރިވެޑައިގެން، ސުލްހައިގެ އެއްބަސްވުމަކަށް ގެނެސްދެއްވިއެވެ.

ނަމަވެސް، މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމުވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.

comment ކޮމެންޓް