މާލޭ ސިޓީގެ މޭޔަރުކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި، އެމްޑީޕީން ވާދަކުރާނެ މެންބަރަކު ހޮވަން ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާނީ އެއްވެސް މީހެއްގެ "މަހާއި ކަށި" ނުކައި، ޚިދުމަތްތައް ދައްކައިގެން ކަމަށް މިވަގުތު މޭޔަރުކަން ކުރައްވަމުން ގެންދަވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގައި އުޅުއްވުމަށްފަހު، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އަލީ އާޒިމެވެ.
ކެމްޕޭނުގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލަތައް ގެންދަވަނީ ރައްދުކުރައްވަމުންނެވެ.
މިރޭ އޮތް ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ ޕްރައިމަރީ ކާމިޔާބުކުރައްވާނީ އެއްވެސް ބޭފުޅަކާ ޒާތީ ގޮތުން ޖައްސައިނުލައި ކަމަށެވެ. އަދި އެއްވެސް ބޭފުޅެއްގެ "މަހާއި ކަށި ނުކާނެ" ކަމަށެވެ.
"އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށެއް، އިންސާނުންގެ މަހާއި ކައްޓާ ކައިގެން އިންތިޚާބުތައް ކާމިޔާބުކުރުމަކީ ދަންނަ ކަމެއް ނޫން. އަޅުގަނޑު ދަންނަ ކަމަކީ ހުރި މައްސަލަތަކަށް ވާދަކޮށްގެން އެ މައްސަލަތައް ހައްލުކޮށްދީގެން، ހައްލުކުރާނެ ގޮތްތައް ކިޔައިދީގެން އިންތިޚާބުތައް ކާމިޔާބުކޮށް އެ މައްސަލަތަކުގެ އަލީގައި އެ ރައްޔިތުންނަށް ފަސޭހަތައް ހޯދައިދިނުން. އެއީ އަޅުގަނޑުމެން ދަންނަ ކަމަކީ...އަޅުގަނޑު ހަމަ ގައިމު ވެސް އެއްވެސް މީހެއްގެ މަހާއި ކައްޓަކާ ނުކާނަން،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ ވާދަކުރައްވަނީ މައްސަލަތަކާ ކަމަށާއި، މާލެއަށް ބަލައިލުމުން މިއަދު އެކަން ފެންނާނެކަމަށް ވިދާޅުވިއެވެ.
ރައްޔިތެއްގެ މުދަލެއް، ނުވަތަ ފައިސާއެއްގައި ޖެހިފައިވާ މީހަކު ނަމަ އެ މީހަކު ދޫނުކުރައްވާނެ ކަމަށާއި ކައުންސިލުގެ އޮޑިޓު ހެދުމަށާއި، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ތަހުގީގުކޮށްދޭން އެދި ހުށަހަޅައިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްވެސް ބޭފުޅަކު ބަދުނާމުކުރަން ވާހަކަ ނުދައްކަވާނެކަމަށާއި ކަންކަން ކުރައްވާނީ ލިޔެކިޔުމުން ފެންނާނެހެން ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭން ނިކުންނާނީ ހުރިހާ މެންބަރުން އަތާއި އަތް ގުޅަލައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވަރަސް ފުރިހަމަ ކާމިޔާބެއް ޕްރައިމަރީން ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ.