48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ އަހަރެއް، މިހާތަނަށް 900 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް އެތައް ޓަނުގެ މަސްބާނަނީ: 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ އަހަރެއް، މިހާތަނަށް 900 މިލިއަން ރުފިޔާ ދޫކޮށްފި --- ފޮޓޯ/ ޓީއެސްލައިން

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިތާ އަހަރެއްވިއިރު، މިހާތަނަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މީގެ ކުރިން މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ. މި މައްސަލަ ހައްލުކޮށްދިނުމަށް، 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޭން މިދިޔަ މަސްވެރިންގެ ދުވަހު ވަނީ ފަށައިފައެވެ.

އެ ފަހުން މިއަދަށް އަހަރެއްވިއިރު، މިހާތަނަށް 900،322،300 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ އަހަރެއް، މިހާތަނަށް 900 މިލިއަން ރުފިޔާ ދޫކޮށްފި -- ފޮޓޯ/ މިފްކޯ

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން އެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން ނިންމީ މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށެވެ. މަސްވެރިންނަށް ފައިސާ ލަސްވާ މައްސަލައިގައި، މީގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.

ހަމައެއާއެކު މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހު ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިން މާލެއަަށް އެއްވެ، މާލޭ ބޭރުމަތީގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ.

ބޮޑުކަންނެލި މަސްވެރިން މާލެއަަށް އެއްވެ، މާލޭ ބޭރުމަތީގައި އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:

  • ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން

ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށް އެ ޔޫނިއަންއިން ކުރި އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލި މަގެއް ނުފެނި، މާޔޫސްވެފައިވާ ކަމަށް އެ ޔޫނިއަންއިން ފާހަގަކުރިއެވެ. އިހުތިޖާޖުކުރަން ނިންމީ އެހެންވެކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ކަން އެހެން އޮއްވައި، ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން މި ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް