ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް އަންނަމަހު ފަށާނެ، އިތުރު ކަންކަން އަދިވެސް އެބަހުރި: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ވިދާޅުވީ، އަމާޒަކީ ސަބްސިޑީއާނުލައި މިފްކޯ ހިންގުން ކަމަށް -- ފޮޓޯ/ މަޖިލީސް

ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން މި ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުކަންނެލި މަސްވެރިން މިވަގުތު ގެންދަނީ މާލޭ ރަސްމީ ޖެޓީ ސަރަހައްދުގައި އިހުތިޖާޖުކުރަމުންނެވެ. ފަޅު ބޭރަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އޮތީ އެއްވެފައެވެ.

ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބޮޑުކަންނޭލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.

https://sun.mv/215120

އެ ކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ.

ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީ ކުރާ ފެސިލިޓީގެ އަމަލީ މަސައްކައި އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިދިޔަ އަހަރު ޖޫން މަހުން ފެޝިގެން ކަންނެލީ މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ޚައްސަ އިރުޝާދުފުޅާއެކު މާލޭ އޭރިއާއިން ވަނީ ތެލަށް ހެޔޮ ބަދަލެއް ގެނެވި ބޭސް ރޭޓްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސައިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް އަންނަ އަހަރުގެ މާޗު މަހުގެ ނިޔާލަށް ހަމަޖެހޭނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިޔަށް އޮތީ މަސްވެރީ އައިލާތަކަށް އުފާވެރީ ދުވަސްތަކެއް،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް