ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިން މާލެއަަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އިއްޔެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މިއަދު އިހުތިޖާޖު ކުރާނެ ކަަމަށް ބުނެ އެކަން އިއުލާނުކޮށްފައެވެ.
މިއަދު ހެނދުނު ކަނޑުމަތީ އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ.

ބޮޑުކަންނެލި މަސްވެރިން އެއް ނަންބަރު ފާލަމާ ދިމާލުން ފަޅުން ބޭރުގައި އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އެއްވެފައިވާއިރު، ކޯސްޓުގާޑުގެ ލޯންޗަކާއި، ޕޮލިސް ލޯންޗެއް ވެސް އެ ސަރަހައްދުގައި ފަޅުތެރޭ އަންނަނީ ހަރަކާތްތެރިިވަމުންނެވެ.
އެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:
- ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
- ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
- މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން
ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
ނަމަވެސް މިއަދާ ހަމައަށް އެ ޔޫނިއަންއިން ކުރި އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލި މަގެއް ނުފެނި، މާޔޫސްވެފައިވާ ކަމަށް އެ ޔޫނިއަންއިން ފާހަގަކުރިއެވެ.
އިހުތިޖާޖުކުރަން ނިންމީ އެހެންވެކަމަށް އެ ޔޫނިއަނުން ބުންޏެވެ.