ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހަމަނުޖެހުން ހިނގާތާ ތިން ދުވަސްވެފައިވާއިރު، ބޯޑަރު ހުރަސްކޮށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން ބައި މިލިއަނަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ހަމަލާތައް އިސްވެ ދޭން ފެށި ކަމަށް ދެ ގައުމުންވެސް ތުހުމަތު ކުރާއިރު، ހަމަލާތަކުގައި މިހާތަނަށް 13 ސިފައިން މަރުވެފައިވެއެވެ. އަދި ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި ދިރިއުޅޭ ފަސް ލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލެންޑްގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ސުރަސަންޓް ކޮންގްސީރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަތް ޕްރޮވިންސަކުން 400،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކެމްބޯޑިއާގެ ސިއެމް ރީޕްގެ ބޯޑަރު ސަރަހައްދެއްގައި ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ މީހުން ދިރިއުޅެނީ. ފޮޓޯ/ރޮއިޓާސް
އަވަށްޓެރި ކެމްބޯޑިއާގެ ފަސް ޕްރޮވިންސަކުން 101،229 މީހުން ރައްކާތެރި ހިޔާތަކާއި ގާތްތިމާގެ މީހުންގެ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ކެމްބޯޑިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު މާލީ ސޮޗެއާޓާ ވިދާޅުވިއެވެ.
ކެމްބޯޑިއާގެ މީޑިއާ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ހިންގާ ވެބްސައިޓެއް ކަމަށްވާ ކެމްބޯޑިއަންސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިލެންޑްގެ އެފް-16 ޖެޓްތަކުން އެގައުމުގެ ދެ ސަރަހައްދަކަށް ހަމަލާދީފައިވާއިރު، އިތުރު ތިން ސަރަހައްދަކަށް ބޮމުގެ ހަމަލާދީފައިވެއެވެ.
ކެމްބޯޑިއާގެ ރޮކެޓާއި އާޓިލަރީ ހަމަލާތައް ވެސް ތައިލެންޑުގެ ހަތަރު ޕްރޮވިންސެއްގެ 12 ސަރަހައްދަކަށް އަމާޒުކޮށްފައިވާ ކަމަށް ތައިލެންޑްގެ ދަ ނޭޝަން ނޫހާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި މިދިޔަ ޖުލައި މަހުވެސް ހަމަލާތައް ބަދަލުކޮށްފައިވާއިރު، އެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ތިން ލައްކައެއްހާ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.

ކެމްބޯޑިއާގެ ޕްރޭއާ ވިހެއާ ޕްރޮވިންސުން މީހުން ރައްކާތެރި ހިސާބުތަކަށް ދަނީ. ފޮޓޯ/ގެޓީ
ޖުލައި މަހު ހިނގި ހަމަނުޖެހުންތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މެދުވެރިވެވަޑައިގެން އެ ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިއެވެ.
ނަމަވެސް މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމްވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.
ހަމަލާތައް ހުއްޓާލުމަށް އެދި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާނެ ކަމަށް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައެވެ.
"ފޯން ކޯލެއް ކުރަން ޖެހޭނެ. ފޯނު ކޯލެއް ކޮށްގެން ވަރަށް ބާރުގަދަ ދެ ގައުމެއް ކަމަށްވާ ތައިލެންޑާއި ކެމްބޯޑިއާގެ ހަނގުރާމަ ހުއްޓުވާނަމޭ ކާކަށް ބުނެވޭނީ." އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ތައިލެންޑްގެ ޚަރިޖީ ވަޒިރު، ސިހާސާކް ފުއަންކެޓްކޭއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ބޯޑަރު ހަމަނުޖެހުމުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ހަމަލާތައް ދޭން ފެށީ ތައިލެންޑުން ނޫން ކަމަށެވެ.
ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބެލުމެއްނެތި ތައިލެންޑުން ހަމަލާތައް ދީފައިވާ ކަމަށާއި، ސިފައިންނަށް ރައްދު ދޭނެ ކަމަށް ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ވެސް ބުނެފައިވެއެވެ.
ހަމަނުޖުހުންތައް ހޫނުވެ، ތައިލެންޑުގައި މިހާރު ކުރިއަށްދާ ސައުތުއީސްޓް އޭޝިއަން ގޭމްސް އިން ވަކިވާކަން ވެސް ކެމްބޯޑިއާއިން ވަނީ އިއުލާންކޮށްފައެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.