މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅުމުގެ ކުށުގައި ރާއްޖޭން ހައްޔަރު ކުރި އިންޑިއާ ހަތަރު މީހުން, އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ ޕްރޮޓީންއެއް ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ހައްޔަރުކޮށް, އިއްޔެ ވަނީ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.
އެ ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި އެކުލެވޭކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަމަށެވެ. އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށާއި ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހަތަރު މީހުން ވެސް ކޯޓުގައި ބުނެފައިވަނީ އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ.
މިއީ ކޮން އޮޕަރޭޝަނެއްގައި ކިހިނެއް އަތުލައިގެން ބައެއްކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ. އަދި ފުލުހުން ވެސް އެ މައުލޫމާތު މިހާތަނަށް އާއްމު ކޮށްފައެއް ނުވެއެވެ.