ސުލްހައިގެ މަޝްވަރާތަކަށް ކެމްބޯޑިއާ ތައްޔާރެއް ނޫން: ތައިލެންޑު

ތައިލެންޑު-ކެމްބޯޑިއާ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލިފައިވާ ބަޔަކު ތައިލެންޑްގެ ބުރީރާމް ޕްރޮވިންސްގައި ދިރިއުޅެނީ -- ފޮޓޯ/ ރޮއިޓާސް

ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް އަދިވެސް ހުއްޓާލާފައި ނުވާއިރު، ސުލްހައިގެ މަޝްވަރާތަކަށް ކެމްބޯޑިއާ ތައްޔާރު ނޫން ކަމަށް ތައިލޭންޑުގެ ޚާރިޖީ ވަޒީރު ސިހާސާކް ފުއަންކެޓްކޭއޯ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޑިޕްލޮމެޓިކް ހައްލަކަށް ޖާގައެއް ނެތެވެ.

"ޑިޕްލޮމެސީ މަސައްކަތް ކުރާނީ ހާލަތުގެ ސަބަބުން ޑިޕްލޮމެސީއަށް ޖާގަ ލިބުމުން. މިވަގުތު އަހަރެމެންނަށް އެ ޖާގައެއް ނެތް،" ސިހާސާކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތައިލެންޑުން ބޭނުން ވަނީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ކެމްބޯޑިއާއިން ތައްޔާރުތޯ ބެލުމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ތައްޔާރީތަކެއްކަން ހާމަކުރައްވާފައެއްނުވެއެވެ.

"ސާފުކޮށް އެނގޭ މިވަގުތު އެމީހުން ތައްޔާރެއް ނޫން. އެމީހުން ބުނަނީ ތައްޔާރަށް ތިބި ކަމަށް، އެކަމަކު އެމީހުންގެ އަމަލުތައް މުޅިން އިދިކޮޅު،" ސިހާސާކް ވިދާޅުވިއެވެ.

ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްއިން އަންގާރަ ދުވަހު ބުނީ އިއްޔެ ފެށި ހަމަލާތަކުގައި އާންމުންގެ ނުވަ މީހަކު މަރުވެ، 20 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން ރައްކާތެރި ހިސާބަކަށް ދަތުރުކުރަމުންދާ ކެމްބޯޑިއާ ބައެއް -- ފޮޓޯ/ އީޕީއޭ

ތައިލެންޑުގެ އަސްކަރިއްޔާއިން ބުނީ ސިފައިންގެ ތިން މީހުން މަރުވެ، 29 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އެހެންވެ، އާންމުން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްނެސްޓީން ވަނީ ތައިލެންޑު އަދި ކެމްބޯޑިއާއަށްވެސް އިލްތިމާސްކޮށްފައެވެ.

އިމުގެ މައްސަލައިގައި ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރުގައި ހަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ އާދީއްތަ ދުވަހުގެ ރެއެވެ.

އިސްވެ ހަމަލާ ދިން ކަމަށް ދެ ގައުމުންވެސް ތުހުމަތުކުރާއިރު، މިއީ ޖުލައި މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ސީރިއަސް ކުރިމަތިލުމެވެ.

ހަމަލާތަކާ ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ބޯޑަރު ސަރަހައްދު ދޫކޮށް ދާން ފަށާފާއެވެ.

ކެމްބޯޑިއާގެ ޕްރޭއާ ވިހެއާ، އޮޑާ މީއަންޗޭ އަދި ބަންޓޭ މީއަންޗޭ ބޯޑަރު ޕްރޮވިންސްތަކުން ގާތްގަޑަކަށް 21،219 މީހުން ނެރެފައިވާއިރު، 11،000 އަށް ވުރެ ގިނަ މީހުންނަށް އޮއްޑާ މީއަންޗޭއިން އަސަރުކޮށްފައިވެއެވެ.

އެ ސަރަހައްދުތަކުގެ ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ޖުލައި މަހު ބަދަލުކުރި ހަމަލާތަކަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން އެ ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްހައިގެ އެއްބަސްވުމެއްވެސް ގާއިމުކުރިއެވެ. ނަމަވެސް މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމްވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.

comment ކޮމެންޓް