އަނބިދަރީންނަށް ދަންދެން އެނގޭ މިންވަރަށް، ޕާޓީގެ ލީޑާޝިޕް އެކުގައި އެތައް އަހަރެއް މަސައްކަތްކޮށްފި ކަމަށާއި، ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި އެ ބޭފުޅުން ޝާމިލުނުވާނެކަން ޔަގީންކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޣަފޫރާއި, ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ)އާއި, ޕާލިމެންޓަރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޮވެންބަރު 17 ގައި ބާއްވަން އޮތް އެއްވުން ކެންސަލްކުރީ، ރިޝްވަތު ނަގައިގެން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ވަނީ ސުވާލުކޮށްފައެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރޭ، އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިބުރޭ އިންނަވައިގެން ވަނީ އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ގައުމީ މަޖިލީހުގެ އިއްތިފާގުން ނިންމީ އެއްވުން ކެންސަލްކުރާށެވެ.
ނަން ނުޖަހާ ގޮތަށް މީގެ ކުރިން 'ސަން'އާ ވާހަކަދެއްކެވި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅަކު ވެސް ވަނީ އެއްވުން ކެންސަލްކުރީ ރިޝްވަތުގެ ޑީލެއްގެ ތެރެއިން ކަމަށް ތުހުމަތުކުރައްވާފައެވެ. އެއްވުން ކުއްލި ގޮތަކަށް ފަސްކުރުމުން އެ ޕާޓީގެ ތެރޭގައި ވެސް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކުރި ސުވާލަށް ރައްދު ދެއްވަމުން ޣަފޫރު ވިދާޅުވީ، ޕާޓީގެ ލީޑާޝިޕުގެ އެއްވެސް ބޭފުޅަކު އެ ފަދަ ކަމެއް ކޮށްފައިނުވާކަން ޔަގީން ކަމަށެވެ.
"އަނބިދަރީންނަށް ދަންދެން ނޭނގޭ އެކަކު ވެސް މިތާ އަޅުގަނޑުމެން ލީޑާޝިޕްގައި، ރައްޓެހިން ނޫން އެކަކު ވެސް މިތާ އަޅުގަނޑުމެންގެ ލީޑާޝިޕްގައި ނެތް. އެެހެންވީމާ އެ ހުރިހާ ބޭފުޅުންގެ ޑީއެންއޭއާ އެއްކޮށް އަޅުގަނޑުމެންނަށް އެނގޭ ބޭފުޅުންނޭ އަޅުގަނޑުމެންގެ މި ލީޑާޝިޕްގައި މަސައްކަތް މި ކުރަނީ. އެހެންވީމާ އަޅުގަނޑަށް ވަރަށް ސާފު އެއިން އެއްވެސް ބޭފުޅަކު އެ ފަދަ އެއްވެސް ކަމެއް ނުކުރާނެކަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަން ހިނގި ގޮތާ ގުޅޭގޮތުން އިބްރޭ ވިދާޅުވީ، އެއްވުން ބާއްވަން އެކި ތަންތަން ހޯދަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، އެއްވެސް ތަނެއް ނުލިބުނު ކަމަށާއި، އެހެންވެ ރިޝްވަތު ނަގައިގެން އެއްވުން ކެންސަލްކުރި ކަމަށް ތުހުމަތުކުރާނެ ޖާގައެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"އެހެނެއް ނޫން، ސަރުކާރުން އެއްވުން ބާއްވަން ފުރުސަތު ނުދިނީ. ސަރުކާރުން އަޅުގަނޑުމެންގެ އެއްވުމަށް ހުރަސް އެޅީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ، މި ވަގުތު ޕާޓީގެ ތެރޭ ޚިޔާލު ތަފާތުވުން އެބައޮތް ކަމަށާއި، ނަމަވެސް އެއީ ޕާޓީ ބައިބައިވުން ނޫންކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީގައި އެންމެން ވެސް ތިބެން. އަޅުގަނޑުމެން އެންމެން ވެސް ތިބެންޖެހޭނީ އެމްޑީޕީގައޭ. ވަކި މީހެއްގެ ފަހަތަށް އަރައިގެން ޕާޓީ ދޫކޮށްފައި ވަކި ފިކުރެއްގައި ދިއުމަކީ އެއީ ޕާޓީގެ މަސްލަހަތަށް ޓަކައި އަދި ނޫނިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން އެއީކީ،" ޣަފޫރު ވިދާޅުވިިއެވެ.
ހަމައެއާއެކު، ކުރިއަށް އޮތީ ކައުންސިލް އިންތިޚާބުކަން ފާހަަގަކުރައްވައި ޣަފޫރު ވަނީ ކައުންސިލް އިންތިޚާބަށް ޕާޓީގެ މެންބަރުން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، ޕްރައިމަރީތަކުގައި ވާދަކޮށް ލިބޭ ނަތީޖާއާ ހަމައިން ވެސް ބައިބައިނުވުމަށް އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ، އެންމެ ބޮޑު މައްސަލައެއް ނިކުންނާނީ ޕްރައިމަރީގައި ލާ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ހިސާބުން ކަމަށެވެ. ނަމަވެސް, އާންމު މެންބަރުން ލާ ވޯޓަށް ލީޑާޝިޕުން އިހުތިރާމުކުރާނެ ކަމަށާއި ލީޑާޝިޕް އޮތީ ވަކި މީހަކާ އެކު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ 100 ޕަސެންޓު ޔަގީންކަން ދޭނަން ވޯޓެއް ލައިފިއްޔާ އެ ކަރުދާސްކޮޅެއްގައި އޮތް ނަތީޖާ އެ ބޭފުޅަކާ ހިސާބަށް އަންނާނެ،" ޣަފޫރު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އޮތް ދަތިތައް ހިއްސާކުރައްވަމުން އިބްރޭ ވިދާޅުވީ، އަދިވެސް ސިޓީތަކުގެ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނުނުކުރާ ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުތަކުގައި، އަންހެނުންނަށް ޚާއްސަކުރަނީ ކޮން ގޮނޑުތަކެއް ކަމާއި، އެހެނިހެން މުހިންމު މައުލޫމާތު ނޭނގޭ ކަމަށް ވިދާޅުވިއެވެ. އެހެންވެ، އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ވެސް ދަތިވެފައިވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީއެންސީގައި އަންހެން މެންބަރުން ތިބި ގޮނޑިތައް، އެއީ އަންހެނުން އިންތިޚާބުކުރާ ގޮނޑިތަކުގެ ގޮތުގައި ކަނޑައަޅަން މަސައްކަތްކުރާކަމުގެ ތުހުމަތު ވެސް އިބްރޭ ވަނީ ކުރައްވައިފައެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސް ބޭފުޅުންވަނީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.