އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން އިބްރާހީމް ފަޒުލް ރަޝީދާއި، އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު، ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.
ޕީޖީއިން މިއަދު ބުނީ ސާވާއިން ލިޔުންތަކެއް ފޮހެލިކަމަށް ބުނާ މައްސަލައިގައި ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ފަޒުލްއަށާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.
ނަމަވެސް އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އެހެންވެ ޕީޖީން ބުނީ ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމަށް މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ނުހައްގުން ބަޔަކަށް ގޯތިދިންކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ފަޒުލްއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ.
ނުހައްގުން ގޯތި ލިބުން މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދުފަޒީލް ރަޝީދު ހިމެނެއެވެ.
ފަޒުލްއަށް ކުރި ތުހުމަތުތަކުގެ ތެރޭ، ވަގު ލިޔުން އުފެއްދުމާއި، ބައެއް ލިޔެކިޔުންތައް ނައްތައިލުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވިފައިވަނިކޮށް ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.
މިދިޔަ ދައުރުގައި ފެލިދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމަށްފަހު، މި ސަރުކާރު ހަވާލުވުމާއެކު އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޗްޑީސީ ހިންގަން ފަޒުލް އައްޔަންކުރިއިރު، މި ތުހުމަތުތަކާ އެކު އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައެވެ.