އެމްޑީޕީގެ "މަންމަގެ ހައިސިއްޔަތުން" މާރިޔާ ކޯފާވެއްޖެ، އާދަމް އާޒިމް މާފަށް އެދެންޖެހޭ

މޭޔަރު އާޒިމާއި، މާރިޔާ: މާރިޔާ ވަނީ ނުރުހުން ފާޅުކުރައްވާފައި --

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިދިޔަ ފަސް އަހަރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން، މާލޭގެ މޭޔަރު އާދަމް އާޒިމަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

މޭޔަރުކަމުގެ ޕްރައިމަރީގެ ފޯރި ގަދަވެ، އެމްޑީޕީގެ ތެރޭގައި އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

މިހާރު ވެސް މޭޔަރުކަމުގައި ހުންނެވި އާޒިމް ވެސް އަންނަނީ އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަނެއްކާ ވެސް މޭޔަރުކަމަށް ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ. އެގޮތަށް އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކައެއް މި ފަހަރު އެކަމަކު ގިނަ ބަޔަކަށް ކަމަކުނުދިޔައެވެ.

"މި އާދަމް އާޒިމަކީ، ވެރިކަން ގެއްލި ޕާޓީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮތް ވަގުތު، އެއްކަލަ ރަޖާގަނޑު ދޮށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް، ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމޭ،" އޭނާ ޖަލްސާގައި ވިދާޅުވިއެވެ. އެހެން ވިދާޅުވުމުން އެ ތަނުގައި ތިއްބެވި ބޭފުޅުން އަތް ވެސް ޖެއްސެވިއެވެ.

އެކަމަކު، އެ ވާހަކަތައް ހިއްސާކުރައްވާ މާރިޔާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މާރިޔާ: އޭނާ ވަނީ އާދަމް އާޒިމަށް ފާޑުވިދާޅުވެފައި --- ސަން ފޮޓޯ/ ނާއިލް ހުސައިން

މޭޔަރުކަމުގެ ޕްރައިމަރީގައި އަލީ އާޒިމާއި ދެ އާޒިމްކުރެ އެއްވެސް ބޭފުޅަކަށް ތާއީދުނުކުރައްވާ 'މިނިވަންކޮށް' ހުންނެވިކަން ހާމަކުރެއްވުމަށް ފަހު، މާރިޔާ ވަނީ އެމްޑީޕީގެ 'ރަން ރީނދޫ' ލަޝްކަރުގެ ކިބައިން އާދަމް އާޒިމް މާފަށް އެދެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެއީ އެމްޑީޕީގެ ހިތްވަރުގަދަ ލަޝްކަރަށް ދިން ކުޑައިމީސް ބަހެއް ކަމަށެވެ.

"އެމްޑީޕީގެ ހުރިހާ ވެސް ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ، މި މޭރުމުން ދެއްކެވި ވާހަކަތަކަކީ އެމްޑީޕީގެ މަންމަ ކަމަށް ގިނަ އެމްޑީޕީ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން އަދި މި ނޫން ވެސް އެތައް ހައިސިއްޔަތުން އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން،" މާރިޔާ ހިތްހަމަޖެހިވަޑައިނުގެން ލިޔުއްވިއެވެ.

އޭނާ އެހެން ވިދާޅުވާން ޖެހުނު ގިނަ ސަބަބުތަކެއް ވެސް ދެއްކެވިއެވެ. އޭނާ ލިޔުއްވި ބައެއް ސަބަބުތައް:

  • އެމްޑީޕީގެ ފުރަތަމަ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން ބިޑިއަކަށް ބަޑިއަކަށް ބިރުނުގަނެ ނުކުތީ އެމްޑީޕީގެ ލަޝްކަރު
  • ޕީޕީއެމްގެ ވެރިކަމާ ދެކޮޅަށް 2013 ގައި ނުކުތީ ވެސް އެ ބިރުވެރިކަން އޮވެ

އެހެންވެ، އެމްޑީޕީގެ ސަޕޯޓަރުންނަށް ނިސްބަތްކުރައްވާ އާދަމް އާޒިމް ދެއްކެވި ވާހަކައާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް އެމްޑީޕީގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މޭޔަރު އާދަމް އާޒިމް: އޭނާ ދެއްކި ވާހަކައަކުން ފާޑުކިޔުން ވަނީ ބޮޑުވެފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ ބޮޑުވާނެ އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަކި ފަރުދަކަށްވުރެ. އަދި، އެކަން ދަނީ އެމްޑީޕީގެ ރީނދޫ ލަޝްކަރުން ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެމުން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ވަރަށް ބޮޑަށް އެތެރޭގެ ބައިބައިވުން ބޮޑުވެފައި އޮތް އެމްޑީޕީއަށް އަދިވެސް އެކުވެވޭނެ މަގެއް ނުފެނެއެވެ. އެ ޕާޓީގެ ޗެއާޕާސަންކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާދެއްވުމާ އެކު ވެސް ފެނުނީ އެ ހުޅުގަނޑު އަނެއްކާ ވެސް ބޮޑުވި ތަނެވެ. ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުމުގައި ވެސް އުފެދުނީ ދެބަސްވުމާއި ޚިޔާލު ތަފާތުވުމެވެ. އެ މަސައްކަތް އަނެއްކާ މިރެއަށް ވެސް އޮތީ ތާވަލުކޮށްފައެވެ.

މޭޔަރުކަމުގެ ޕްރައިމަރީގައި ވެސް ދެ އާޒިމްގެ ވާދަވެރިކަން ބޮޑެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ތާއީދު އާދަމަށް އޮތްއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އުޅުއްވަނީ އަލީ އާޒިމްގެ ކެމްޕޭންގައެވެ. އެއް އާޒިމް، އަނެއް އާޒިމަށް ބަހުގެ ހަމަލާތައް ވެސް އަންނަނީ ބަދަލުކުރަމުންނެވެ.

comment ކޮމެންޓް