ޕެންޝަން ފައިސާއަކީ ވަކި ގާނޫނެއްގެ ދަށުން ހިނގަމުންދާ ކަމެއް ވީމާ އެއަށް އެއްވެސް ބަދަލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ސީދާ އެ މަނިކުފާނާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ވަނީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ސުވާލުކޮށްފައެވެ.
"ވަޒީފާގައި އުޅޭއިރު މި ނަގައި ޕެންޝަން ލާރި، ވަޒީފާއިން ވަކިވީމާ ލިބޭނެ ގޮތެއް ނެތްތޯއޭ. ވަޒީފާއިން ވަކިވުމަށް ފަހު ވަރަށް ދަތި ހާލުގައި އުޅުނަސް އެ ލާރި ލިބޭނެ ގޮތެއް ނެތީމާ،" އޭނާ ބުންޏެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޕެންޝަންއަކީ ވަކި ގާނޫނެއްގެ ދަށުން ނަގައި އެއްޗަކަށް ވާތީ އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.
"އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް. އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން،"
އެ މަނިކުފާނު ވިދާޅުވީ، ފާތިމަތު ފާހަގަކުރެއްވި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެއަށް ހައްލެއް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ތި ވިދާޅުވި ކަހަލަ އިސްލާހުތައް ގެނެވޭނެ ފުރުސަތު ރައްޔިތުންގެ މަޖިލީސް ތެރެއިން ލިބިގެންދިއުމަކީ ތި ވިދާޅުވި ކަހަލަ ކަންކަން ކުރަން މަގުފަހިވާނެ ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ރޯދަމަސް ނިމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އޭޕްރީލް 21 ވާ އާދިއްތަ ދުވަހުއެވެ.
މިހާރު މި އޮތް 19ވަނަ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތެވެ. މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ.