ޑީސަލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއް ޚިޔާރުކުރުމަށް ސަން ސިޔާމް އޮޅުވެލީގައި ސޯލާ ޕަވާ ޕްރޮޖެކްޓު މިއަދު އިފްތިތާހުކޮށް، ސޯލާއެއް ބަހައްޓައިފިއެވެ.
މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ، ސަން ސިޔާމް ގުރޫޕްގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލްއާއި ހޭލީސް ސޯލާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސީތް ޕްރެމާޓިލާކޭއެވެ.

އޮޅުވެލީގައި ބެހެއްޓި ސޯލާ ޕެނަލް ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ ހުސައިން ހާފިޒު
މި ސޯލާ ގާއިމުކޮށްފައި ވަނީ، ލަންކާގެ ހޭލީސް ސޯލާ ކުންފުނިންނާއި ހުއާވޭ ކުންފުނިންނެވެ. މި ސޯލާ ރޭގަނޑަށް ބޭނުންކުރާނީ ބެޓެރިއެއް ބޭނުންކޮށްގެނެވެ.
މި ރަސްމިއްޔާތުގައި އާދިލް ވިދާޅުވީ، މިއީ ހަމައެކަނި ބަހައްޓާލެވޭ ސޯލާއެއް ނޫން ކަމަށާއި މިކަމުން ތިމާވެށީގެ މުހިންމު އާމަޒުތަކަށް ވާސިލުވާން އެހީތެރިވެދޭނެ ކަމަށެވެ.
ދެހާސް ތިރީސް ވަނަ އަހަރާ ހަމައަށް ރިސޯޓުގެ 50 ޕަސެންޓު، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕްގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލް -- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް 25 ޕަސެންޓު ހަކަތަ ހޭދަކުރީ ޖަނަރޭޓަރުތަކަށް ކަމަށް އާދިލް ވިދާޅުވިއެވެ. އަދި ސޯލާތަކުގެ އެހީގައި ކަރަންޓު އުފައްދަން ޑީސަލަށް ކުރާ ހޭދަ ކުޑަކުރެވެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ޓީމުގެ އެހީތެރިކަމާއެކީ 2030 ވަނަ އަހަރު އަޅުގަނޑުމެންގެ އަމާޒު ހާސިލުކުރެވޭނެ ކަމަށް އުންމީދުކުރަން،" އާދިލް ވިދާޅުވިއެވެ.
އޮޅުވެލީގައި ބެހެއްޓި ސޯލާ ޕެނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ހުސައިން ހާފިޒު
އޭގެއިތުރަށް، އޮޅުވެލީގައި ސޯލާ ބަހައްޓާފައިވާ ހޭލީސް ސޯލާ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސީތް ޕްރެމާޓިލާކޭ ވިދާޅުވީ، މިއީ ސަން ސިޔާމް ކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ސޯލާ މަޝްރޫއުގައި ހަރަކާތްތެރިވުމަށް ސަން ސިޔާމް ގުރޫޕުން ފުރުސަތު ދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި ބެހެއްޓީ، ދެ މަގަވޯޓުގެ ސޯލާއެކެވެ.
ހަމައެހެންމެ، 3،000އަށް ވުރެ ގިނަ ކާބަންޑައިއޮކްސައިޑް، އެ ސޯލާއިން ސަލާމަތްކޮށްދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.