ހުޅުމާލޭގައި ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސް ތެރޭ ފެށޭނެ: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: ވިދާޅުވީ، ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއް ތެރޭ ފެށޭނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ސަރުކާރުން ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެ އިމާރާތްތައް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު ތިނެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން 15 ޕާކިން އިމާރާތް އަޅާއިރު، އެ އިމާރާތްތަކުގައި 4،000 ޕާކިން ޔުނިޓު ހިމެނެއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ބާ އުޅަނދުތައް ނަގަން ފެށުމަށް މިއަދު ބޭއްވި ހަފުލާގައި މިނިސްޓަރު އަމީން ވިދާޅުވީ، ޕާކިން އިމާރާތްތައް ހުޅުމާލޭގައި އަޅަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ދަށުގައި އޮންނަ ޗެނަލް: އަމީން ވިދާޅުވީ، ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއް ތެރޭ ފެށޭނެ ކަމަށް -- ފޮޓޯ: އެޗްޑީސީ

އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ކުރިއަށް އޮތް ދެ ތިން ހަތަރު މަހެއްގެ ތެރޭގައި ފިޒިކަލީ ފެނިވަޑައިގަންނަވާނެ މި ސަރަހައްދަށް ބޭނުންވާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށޭ [ތަން]ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

މިނިސްޓަރާ ހަވާލާދީ ދައުލަތުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕާކިން މައްސަލަ ހައްލުކުރުމަށް، އެ އިމާރާތްތަކުގެ އިތުރަށް ޕާކު ކުރުމަށް އިތުރު ތިން ބިމެއް ވަގުތީ ގޮތުން ހަމަޖައްސައިދޭނެއެވެ.

އެ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ ދެއްވާފައެވެ. ޒުހައިރުއާ ހަވާލާދީ ދައުލަތުގެ މީޑީއާގައި ވަނީ، އެ ބިންތަކުގައި ޕާކު ކުރެވޭނީ ގަވައިދާ އެއްގޮތަށް ހުރި އުޅަނދުތަކަށް އެކަނި ކަމަށެވެ. އެގޮތުން، ބިންތައް ހަމަޖެހެނީ، ވިނަރެސް ފުލެޓު ސަރަހައްދާއި ހިޔާ ފުލެޓު ސަރަހައްދުގެ އިތުރަށް ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހުންނެވި ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި، އެ އިމާރާތްތަކުގެ 90 ޕަސެންޓް ސްލޮޓް ވިއްކަނީ، އެ ސްލޮޓްތައް ގަންނަ ފަރާތްތަކަށް އުމުރަށް ލިބޭ ގޮތަށެވެ.

https://sun.mv/197494

ވީހާވެސް ކުޑަ އަގެއްގައި ޕާކިން ސްލޮޓްތައް ވިއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭރު ފަޒުލް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ފަހުކޮޅު އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް ފަށާނެވެ. އެކަމަކު، މިހާތަނަށް އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

comment ކޮމެންޓް