ހުޅުމާލޭގައި އަޅާ 15 ޕާކިން އިމާރާތްތަކުން 90 ޕަސެންޓް ސްލޮޓް ވިއްކަނީ، އެ ސްލޮޓްތައް ގަންނަ ފަރާތްތަކަށް އުމުރަށް ލިބޭ ގޮތަށް ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެޗްޑީސީއާ އެ ޕާކިން އިމާރާތްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 15 ޕާކިން ބިލްޑިން ހުޅުމާލޭގައި އަޅާނެއެވެ. އެ 15 ބިލްޑިންގައި 4،000 ޕާކިން ޔުނިޓު ހިމެނޭނެއެވެ.
ފަޒުލް ވިދާޅުވީ އެ ޕާކިން އިމާރާތްތަކުން ގަރާޖު ސިޓީ ދޫކުރާނެ ކަމަށެވެ. އަދި އެތަނުން ގަރާޖު ސިޓީ ގަންނަ ފަރާތްތަކަށް އުމުރަށް ޕާކިން ސްލޮޓެއް ލިބޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
އެހެން ގޮތަކަށް ދަންނަވާނަމަ ދޫކުރާ ކޮންމެ ގަރާޖު ސިޓީއަކަށް ވެހިކަލް ރެޖިސްޓްރީކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ފަހިވޭ. ދާއިމީ ހައްލެއް މި އައީ މިކަމަށް ވެސް. މިތަނުން ގަރާޖު ސިޓީ ބައްލަވައިގަންނަ ބޭފުޅުންނަށް އުމުރަށް ޕާކިން ސްލޮޓެއް އެ ލިބިލައްވަނީ،އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު
ފަޒުލް ވިދާޅުވީ ބްލެކް މާކެޓުގައި ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދަމުންދާ ކަމަށާއި ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސްލޮޓްތައް ދޫކުރުމަށް މިހާރު ކުރިއަށްދަނީ އިވެލުއޭޝަންގެ މަރުހަލާ ކަމަށާއި އެ މަރުހަލާއަށް ފަހު ޕާކިން ސްލޮޓްތައް ވިއްކާނެ އަގުތައް ކަނޑައަޅާނެ ކަމަށެވެ. އަދި ވީހާވެސް ކުޑަ އަގެއްގައި ޕާކިން ސްލޮޓްތައް ވިއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއް އަހަރު ދުވަސް ތެރޭ އެ އިމާރާތްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވި ގޮތުގައި 3،920 ކާރު ސްލޮޓާއި 3،426 ސައިކަލު ސްލޮޓް އެ ބިލްޑިންތަކުން ލިބޭނެއެވެ. އޭގެ ތެރެއިން 90 ޕަސެންޓު ސްލޮޓް ބީލަމުގެ އުސޫލުން ވިއްކާ ގޮތަށް ހަމަޖެހިފައިވާއިރު ކޮންމެ ބިލްޑިންއެއްގެ 10 ޕަސެންޓަކީ ވިޒިޓާސް ޕާކިން ސްލޮޓްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލްޑިންތަކުގައި އިލެކްޓްރިކް ވެހިކަލްތައް ޗާޖް ކުރެވޭއިރު އެތަނުގައި ބޭނުންކުރާ ހަކަތަ އުފެއްދުމަށް ނިންމާފައިވަނީ އިއާދަކުރެނިވި ހަކަތަ ބޭނުން ކޮށްގެންނެވެ. އަދި އެ ބިލްޑިންތަކުގެ ޓެރަސް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން ކެފޭ، ރެސްޓޯރެންޓު އަދި ސްޕޯޓްސް އެރީނާތައް ފަދަ ތަންތަން ހިންގަން ޖާގަ ދޭނެއެވެ.