އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ 175،000 ރުފިޔާ ކަނޑާލައިފި

ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން: އެ ބޭފުޅުން އޮފީސް ހިންގަވަން ދެމުން އައި، 175،000 ރުފިޔާ ކަނޑާލާ ބިލު ރައީސް ވަނީ ތަސްދީގުކުރައްވާފައި ----

އޮފީސް ހިންގުމަށް ކުރީގެ ރައީސުންނަށް ދޭ 175،000 ރުފިޔާ ކަނޑާލާ ބިލު، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު، މިދިޔަ ހޯމަ ދުވަހު ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގަތް 68 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރެއްގައާއި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ރައީސް މުއިއްޒު ބިލު ތަސްދީގު ކުރައްވަނީ: އެމަނިކުފާނު ވަނީ، ކުރީގެ ރައީސުންނަށް ދޭ 175،000 ރުފިޔާ ކަނޑާލާ ބިލު ތަސްދީގުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ އިސްލާހު ހުށަހެޅިއިރު ނައިބު ރައީސުންނަށް އިނާޔަތުގެ ގޮތުގައި ދޭން ކަނޑައަޅައިފައި އޮތީ 25،000 ރުފިޔާއެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 30،000 ރުފިޔާއަށް އިތުރުކުރީއެވެ. އެކަމަކު، ނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ގާނޫނު އޮންނަ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެއެވެ. އާ އިސްލާހާ އެކު ވެސް ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް ނަސީމް އެކަންޏެވެ.

https://sun.mv/214720

އާ އިސްލާހުގައި ވަނީ އިގުތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ކޮންމެހެން ޚަރަދު ކުޑަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކަށް ބަދަލު ގެނެވޭނެ ކަމަށެވެ. އެކަން ކުރަން މަޖިލީހަށް ކޮންމެހެން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. އެ މަނިކުފާނު އެ ދުވަހު ވަނީ ކުރީގެ މަޖިލީސް މެންބަރުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް ކަނޑާލަން ވެސް ނިންމި ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް