ދީޕިކާ މަސައްކަތުގެ ވަގުތާ ގުޅިގެން ކުރަމުން އަންނަ ޑިމާންޑުތަކަށް ސައުތު އެކްޓަރުންގެ ފާޑުކިޔުންތަކެއް

ސައުތު ސިނަމާގެ ފިލްމީ ތަރިން ކަމަށްވާ ރާނާ ދަގުބަތީ، ދުލްގާރު ސަލްމާން އަދި ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު ޝޫޓިންގްތަކުގައި ހޭދަކުރާ ޝިފްޓް ގަޑިތައް އަށް ގަޑިއިރަށް ބަދަލުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ދެކުނު އިންޑިއާގެ ސިނަމާތަކުގެ ބައެއް ތަރިންތައް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މީޑިއާ ރިޕޯޓަރުންނާ އެކު ކުރިއަށްދިޔަ ވަށް މޭޒު ބަހުސެއްގައި މިކަމާ ގުޅޭގޮތުން ސައުތު އެކްޓަރުން ކަމަށްވާ ދުލްގާރު ސަލްމާން، ރާނާ ދަގުބަތީ އަދި ތަމަޅަ ނާޑޫގެ ފިލްމު ޕްރޮޑިއުސަރު އަރުޗަނާ ކަލްޕަތީގެ އިތުރުން ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ވިކްރަމްއަދިތިޔަ މޮތުވާނޭ ވެސް ވަނީ ވާހަކަ ދައްކާފައެވެ.

ޝޫޓިންގް ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމަށް ޑިމާންޑުކޮށް ބަތަލާ ދީޕިކާ ގޮވާލާ ގޮވާލުންތަކަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ދުލްގާރު ވަނީ ބުނެފައެވެ.

މަޅަޔާލަމް ފިލްމުތަކުގައި އެކްޓުކޮށް އަދި ފިލްމު ޕްރޮޑިއުސް ވެސް ކުރާ ދުލްގާރު ފާހަގަކުރި ގޮތުގައި މަޅަޔާލަމް ސިނަމާގައި ޝޫޓިންގް އަކީ އަބަދުވެސް ވަކި ވަގުތެއް ކަނޑަނޭޅި ކުރިއަށްދާ މަސައްކަތެކެވެ. އެހެންކަމުން ފިލްމުގެ ޑައިރެކްޓަރު "ޕެކް އަޕް" ބުނާ އަޑު ކްރޫއިންނަށް އިވުމާ އެކު ހުރިހާ އެންމެންވެސް އެކަމާ އުފާކޮށް އަތްތިލަބަޑިޖަހާ ކަމަށް ދުލްގާރު ބުނެފައިވެއެވެ.

ދީޕިކާ ދާދިފަހުން ދޫކޮށްލި ފިލްމު "ކަލްކީ 2"ގެ ފުރަތަމަ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމެއްގެ މަސައްކަތް ނުނިމި އެއް ދުވަސް އިތުރުވުމަކީ ވެސް އެ ފިލްމެއްގެ ޕްރޮޑިއުސަރަށް އުފުލަންޖެހޭ ވަރަށް ބޮޑު ބުރައެއް ކަމަށާއި އެހެންވެ ހުރިހާ އެންމެންވެސް މަސައްކަތްކުރާނީ އެ ފިލްމަކަށް ކަނޑައަޅާފައި އޮންނަ މުއްދަތުގެތެރޭ ފިލްމުގެ ހުރިހާ މަސައްކަތް ނިންމުމަށް ކަމަށް ދުލްގާރު ވަނީ ބުނެފައެވެ.

ބައެއްފަހަރު ޕްރޮޑަކްޝަން ޓީމުގެ ކްރޫއިންނާއި އެކްޓަރުން އިތުރަށް ވަގުތު ހޭދަކޮށްގެން ވެސް ފިލްމުގެ މަސައްކަތްތައް ނިންމާފައި އެބަހުރި ކަމަށާއި އެއީ ހުރިހާ ޓީމު މެމްބަރުންގެ ވެސް އެންމެ ބޮޑު އަޒުމް ކަމަށް ދުލްގާރު ވަނީ ބުނެފައެވެ.

މި ބަހުސްގައި ބައިވެރިވި "ބާހޫބަލީ"ގެ އެކްޓަރު ރާނާ ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ ވަޒީފާއަކަށްވުރެ ބޮޑަށް ލައިފް ސްޓައިލްއެއް ކަމަށެވެ.

އެހެންވެ ސިނަމާގެ ވަޒީފާއާ ގުޅޭއިރު ތިމާއަށް މި ވަދެވެނީ ކޮންކަހަލަ ދާއިރާއަކަށްކަން ހުރިހާ އެންމެންނަށްވެސް އެނގޭ ކަމަށާއި އަށް ގަޑިއިރުތެރޭ މަސައްކަތް ނިންމަން ޑިމާންޑުކުރާއިރު މަސައްކަތްކުރެވެނީ ފެކްޓަރީއެއްގައި ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ރާނާ ހާމަކުރިގޮތުގައި ބައެއްފަހަރު ފިލްމު ސެޓުގައި ބޭނުންވާ އެންމެ މަންޒަރެއް ވެސް ފުރިހަމައަށް ނެގުމަށް އަށް ގަޑިއިރު ބައެއް ތަރިން ހޭދަކުރެއެވެ. އެހެންކަމުން ފިލްމުގެ ޝޫޓިންގް ވަގުތު ކުޑަކުރުމަށް ގޮވާލާ ގޮވާލުމަކީ އެއްވެސް މާނައެއް ނެތް ޑިމާންޑުތަކެއްގެ ގޮތުގައި ރާނާ ވަނީ ސިފަކޮށްފައެވެ.

ޕްރޮޑިއުސަރު އަރުޗަނާ ކަލްޕަތީ ހާމަކުރި ގޮތުގައި ފިލްމު ޝެޑިއުލްތައް 9:00 އިން 5:00އަށް ހެދުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެއާއެކު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިކްރަމްއަދިތިޔާ ބުނިގޮތުގައި އަށް ގަޑިއިރަށް ޝޫޓިންގް ޝެޑިއުލްތައް ބަދަލުކުރުމަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ޝޫޓިންގް ޝެޑިއުލްތައް މެނޭޖްކުރުން މާ ބުއްދިވެރިއެވެ.

ފިލްމު ޝޫޓިންގްތަކުގައި އަށް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރެވެން ނެތް ކަމަށް ބަތަލާ ދީޕިކާ ޕަދުކޯން ޑިމާންޑު ކުރުމާ ގުޅިގެން ބަތަލާއަށް މިހާތަނަށް ބޮޑު ބަޖެޓް ދެ ފިލްމެއް ވަނީ ގެއްލިފައެވެ. އޭގެތެރޭގައި "ކަލްކީ 2" އަދި "ސްޕިރިޓް" ހިމެނެއެވެ.

comment ކޮމެންޓް