ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސްގެ ފިލްމަކަށް ބޮލީވުޑް ބަތަލާ ގެންނަން ނިންމާފައިވާ ކަމަށް ފަހުގެ ރިޕޯޓުތަކުން ބުނެފިއެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން ހޮރޯ ކޮމެޑީ ޔުނިވާސްގެ ފިލްމަކަށް ދީޕިކާ ގެނައުމުގެ މަޝްވަރާތައް ވަރަށް ސީރިއަސްކޮށް ކުރިއަށްދެއެވެ. މި މަޝްވަރާތައް ވަކިގޮތަކަށް ނިމުމުން ވަރަށް އަވަހަށް ފިލްމު އިއުލާނުކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ހޮރޯ ކޮމެޑީ ޔުނިވާސްއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މި ފިލްމަކީ އިންޑިއާގެ ބެންގާލީ މީހުންގެތެރޭ މަޝްހޫރު އިފުރީތެއް ކަމަށްވާ ޝާކުންޗުނީއަށް ބިނާކޮށް އެ ސްޓޫޑިއޯއިން އުފައްދާ ފިލްމެކެވެ.
ބެންގާލީ މީހުންގެ ތެރޭ މަޝްހޫރު ފޯކް ވާހަކައަކާ ގުޅުންހުރި އެ ކެރެކްޓާ އަކީ ކައިވެނީގެ ގުޅުމަށްފަހު ވަރަށް މާޔޫސްކަމާ އެކު ދިރިއުޅުން ހޭދަކުރި އަންހެނަކު މަރުވި ގޮތާ ގުޅުވައިގެން ވުޖޫދަށް އައި ކެރެކްޓާއެކެވެ.

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން މެޑޮކް ފިލްމްސްގެ އޮފީހަށް ދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބަތަލާ ދީޕިކާ ފަދަ ބައިނަލް އަގްވާމީ ޕްލެޓްފޯމްތަކުގައި ވެސް މަގުބޫލު ބަތަލާ އަކު މެޑޮކްއާ ގުޅުމަކީ އެ ޕްރޮޑަކްޝަން ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގެތެރޭ ދީޕިކާ މެޑޮކް ފިލްމްސް ކުންފުނި ހިންގާ އޮފީހަށް ދިޔަ މަންޒަރު ރިޕޯޓަރުންތަކަކަށް ފެނިފައިވުމާ އެކު ބަތަލާ އެ ޕްރޮޑަކްޝަންގެ ހޮރޯ ކޮމެޑީ ޔުނިވާސްއާ ގުޅޭކަމަށް ދެކެވޭ ވާހަކައިގައި ކޮންމެވެސް ކަހަލަ ހަގީގަތެއް އެކުލެވޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ބަތަލާ އަންނަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.
އެއީ ޝާހްރުކް ޚާންއާ އެކު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް" އަދި ޑައިރެކްޓަރު އެޓުލީއާ އެކު ސޮއިކޮށްފައިވާ ނަން އިއުލާނު ނުކުރާ ފިލްމެކެވެ.