ސިފައިންނާއި ފުލުހުންނަށް 200 ފުލެޓު ޚާއްސަކޮށްފި

ރައީސް ސިފައިންގެ މީހަކާ ސަލާންކުރައްވަނީ: މި ސަރުކާރުން ސިފައިންނާއި ފުލުހުންނަށް 200 ފްލެޓު ޚާއްސަކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

މާލޭގައި ދިރިއުޅޭ މީހުންނަށް ފުލެޓު ދިނުމަށް ސަރުކާރުން އާންމުކުރި އުސޫލުގައި ސިފައިންނާއި ފުލުހުންނަށް 200 ފްލެޓު ދޭނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

ރޭގައި ސަރުކާރުން ވަނީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލެއްގެ ގޮތުގައި މި ސަރުކާރުގެ "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު އިފްތިތާހުކޮށްފައެވެ. މި ސިޔާސަތު އިފުތިތާހުކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ސިޔާސަތުގެ ދަށުން މާލެއާއި ރަސްމާލެއިން 7،500 ފުލެޓާއި 15،000 ގޯތި ދޫކުރަން މިއަދު ގެޒެޓުގައި އިއުލާންކޮށްފައިވެއެވެ.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުގައި މި 7500 ފްލެޓުތަކުގެ ތެރެއިން 100 ފްލެޓު ފުލުހުންނަށް ޚާއްސަކޮށްފައިވެއެވެ. އަދި 100 ފްލެޓު ސިފައިންނަށް ހާއްސަކޮށްފައިވެއެވެ.

https://sun.mv/214011

ސިފައިންނާއި ފުލުހުންނަށް ފްލެޓްތަކެއް ޚާއްސަ ކުރިއިރު އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި މިހާރު ވެސް ފްލެޓްތަކެއް އަޅައި އެތަންތަން ވަނީ އުޅެން ދޫކޮށްފައެވެ. އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް އިންތިހާއަށް ލަސްވެގެން ދިޔައިރު, މި މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ބައެއް ވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.

އުސޫލުގައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ އިސްކަންދޭ ކެޓަގަރީތަކުން ޔުނިޓް ދޫކުރަން ހަމަޖެހިފައިވާ ގޮތްތަކެއް ވެސް ހިމަނައިފައެވެ. އެއީ؛

  • އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން (100 ފްލެޓް)
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް (100 ފްލެޓް)
  • އަލަތު ކައިވެނިކުރާ މީހުންނަށް ނުވަތަ ޒުވާން އާއިލާތަކަށް (250 ފްލެޓް)
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް (50 ފްލެޓް)
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމްގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް (200 ފްލެޓް)
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުންނަށް (100 ފްލެޓް)
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް (100 ފްލެޓް)
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކު ކުރުމުން މަހްރޫމްވެފައިވާ މީހުންނަށް (50 ފްލެޓް)
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައި ނުވާ މީހުންނަށް (300 ފްލެޓް)
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް (50 ފްލެޓް)
  • ފުލުހުންނާއި ސިފައިންނަށް (200 ފްލެޓް)
  • ސިވިލް ސާވިސް މުވައްޒަފުންނަށް (200 ފްލެޓް)

މިރޭ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހުކުރުން --- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން އެ އުސޫލުގައި ވަނީ ދައުލަތުގެ 25 މުއައްސަސާއަކަށް 300 ފްލެޓް ދޭން ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، އެޓާނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ދައުލަތުގެ އިދާރާތައް ހިމެނެއެވެ.

https://sun.mv/214012

އަށާރަ އަހަރުން މަތީގެ ރައްޔިތުން ޝަރުތު ހަމަވާގޮތަށް ރޭވި "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ.

މާލެ ރަށްވެހިންގެ ކެޓެގަރީގައި ހިމެނެނީ، ފެށުނީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރަށް ފަހުން މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. މި ކެޓަގަރީގެ ދަށުން މާލޭގެ ރަށްވެހިންނަށް 4000 ފްލެޓުތައް ކަނޑައަޅާފައިވެއެވެ. އެ ސްކީމަށް އެދެވޭނީ މާލެ ރަށްވެއްސަކަށްވެ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓު ވެސް ޚާއްސަކޮށްފައިވެއެވެ.

މި ބޯހިޔާވަހިކަމުގެ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު، އަންނަ އަހަރުގެ ޖަނަވަރީ 04 އިން ފެށިގެން 03 މާރިޗު ގެ ނިޔަލަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ.

އެގޮތުން، ޕޮއިންޓު ދޭއިރު ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، މާލޭގެ ރަށްވެއްސަކަށްވީ މުއްދަތު ނުވަތަ މާލޭގައި ދިރިއުޅުނު މުއްދަތާއި އެއާއިލާއެއްގެ ގޯތި ގެދޮރުގެ މިލްކުވެރިކަމާއި ގޭބީސީގެ ޖުމްލަ އާމްދަނީއާއި އެ އެއާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މައިންބަފައިން ތިބިތޯއާއި، ދަރީންގެ އަދަދު ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި ދަރިން ނުލިބޭތޯ ބެލުން ހިމެނެއެވެ.

މިދިޔަ އަންގާރަ ދުވަހުގައި ރައީސް ވަނީ ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް ޚާއްސަ 700 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/201085

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ފުލުހުންނާއި ސިފައިންނަށް ޚާއްސަ ގެދޮރުވެރިކަމުގެ މަޝްރޫއު ފަށާފައެވެ. އެގޮތުން ޕޮލްކޯ ފްލެޓުތަކުގެ ނަމުގައި ހުޅުމާލޭގައި ތިން ޓަވަރު އެޅީ ޖުމްލަ 361 ފުލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ. އަދި 2013 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި އެ ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ. ހަމައެއާއެކު އެ އަހަރުގައި އިއުލާންކޮށްގެން ސިފައިންނަށް ޚާއްސަ 330 ފްލެޓުތައް ހުޅުމާލޭގައި ބިނާކޮށްފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ސިފައިންގެ ފްލެޓުތައް ލިބުނު ބައެއް މީހުންނަށް ހިޔާ ފްލެޓުތައް ވެސް ލިބިފައިވެއެވެ.

comment ކޮމެންޓް