ޕާޓީން ވަކިވުމުން ގޮނޑިގެއްލޭނީ، ދާއިރާގެ ފެންނަނުފެންނަ ވޯޓަކުންކަމަށް ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހަޅަނީ

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި މަޖިލިސް ތަޅުމުގައި މެންބަރުން -- ފޮޓޯ: މަޖިލިސް

ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީގައި މިހާރު އޮތް ނަމަވެސް، އެ ފަދަ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ފަދައިން އަޣުލަބިއްޔަތު ލިބުމުން ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުން ވަކިވާނެ އިތުރު ހާލަތްތައް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ.

އެގޮތުން ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން މަޖިލީހުގެ މެންބަރަކު ވަކިވާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ނަމަވެސް މެންބަރަކު ވަކިކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެން ހަދާނެ ގޮތް ވެސް އެ އިސްލާހުގައިވެއެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މެންބަރަކު ވަކިކުރަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުދީފިނަމަ ދެން އެ މެންބަރަކު މަޖިލީހުގެ އުމުރު ކަމަށްވާ ފަސް އަހަރުގެ ބާކީ އުމުރުގައި ހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް އެ މެންބަރަކު ސޮއިކުރައްވައިފިނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް، ގާނޫނުއަސާސީއަށް ޝުޖާއު އިތުރުކުރައްވަން ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގައެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވިއެވެ.

ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

comment ކޮމެންޓް