މި ރާއްޖޭގައި އާމްދަނީ ހޯދުމަށް ކުރެވޭ ޕްލޭންތައް ފަނުފުލުން ދަނީ އެ ޕްލޭންތަކުގައި ހަރުކަމެއް ނެތުމުންނެވެ. ނުވަތަ އެކަން ކުރާން ތިބޭ މީހުންގެ ނިޔަތް ސާފު ނުވުމުންނެވެ. ހަމަ އެކަނި ކަރުދާހުގައި ލިޔެލެވޭ ޕްލޭނަކުން ގައުމުގެ އާމްދަނީ އިތުރެއް ނުވާނެ އެވެ. އޭގައި ޕްރެކްޓިކަލް ކަމެއް ނެތުމުން ވާނެ ހުރިހާ ގޮތެއް މި ގައުމަށް ވަމުން މިރިހަ ދަނީ އެވެ.
ދައުލަތް ހިންގެން އަންނަނީ އިތުރު ޓެކްސް ތަޢާރަފު ކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދު އެ އޮތީ ވިދާޅުވެފަ އެވެ. ދެން އަނެއްކާ ވެސް އެވީ ދައުލަތް ހިންގާން ރައްޔިތުން ފައިސާ ދޭށެވެ. މި ފައިސާ ދޭން ބަލާ އިރު ރައްޔިތުން މިހާރު ވެސް ތިބީ އަނގަޔާއި އަތާ ދިމާ ނުވާ ހާލުގަ އެވެ. މަހުން މަހަށް ދައްކާން ޖެހޭ ފެން ބިލާއި ކަރަންޓު ބިލު ދެއްކުމަށް ބޭނުންވާ މަދު ސަތޭކަ ރުފިޔާ ކޮޅު ވެސް ދަރަންޏަށް ނަގައިގެން އެކަން ކުރާ އެތައް ބަޔަކު އެބަ ތިއްބެވެ.

ގައުމުގެ ޚަރަދު ބޮޑުވެ، ބަންޑުންވާ ހިސާބަށް ގޮސްގެން މި އުޅެނީ ގައުމު ހިންގުމުގައި ހުރި ދޯދިޔާ ކަމެއްގެ ސަބަބުންނެވެ. ރައްޔިތުން ބަނޑަށް ޖެހޭ ހިސާބަށް ގޮސްގެން މި އުޅެނީ ފާއިތުވި ހަތަރު ފަސް އަހަރެއްގެ ތެރޭގައި ގައުމުގެ އިގްތިސާދަށް ވިސްނައިލުމެއް ނެތި ކުރި ހޭދައިގެ ސަބަބުންނެވެ. ސިޔާސީ ކަންކަން ހައްދު ފަހަނަ އަޅައި، ރައްޔިތުންނަށް ވުރެ ސިޔާސީންނަށް އަޅައިލާން ޖެހޭ މިންވަރު ބޮޑު ވެގެނެވެ. ރައްޔިތުން ބިކަ ވަމުން މި ދަނީ އޭރު ވެސް އިއްތިހާދު، މިހާރު ވެސް އިއްތިހާދުވުމުން މި ބޮޑު އިއްތިހާދުގެ ހުރިހާ ބައިވެރީން ރުއްސަން ހޭދަ ކުރާން ޖެހޭ ފައިސާގެ ޢަދަދު ގިނަ ވެގެނެވެ.

ދެތިން ބަޔަކަށް ވަކިން ބަލައިލާ ނަމަ، ސިޔާސީ މަގާމުތަކުގެ ބައި ފުރަތަމަ ނަގަމާ ހިނގާށެވެ. ދައުލަތާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މީހުން ތިބީ އެ ކަމަށް ބޭނުންވާ މިންވަރަށްތޯ މިއަދު ވެސް ސުވާލު އުފެދެ އެވެ. ވަކީން ޚާއްސަ ގޮތެއްގައި ސިޔާސީ އިސް ބައެއް މަގާމު ތަކުގައި ތިބި މީހުންގެ ވަނަވަރާއި ގާބިލު ކަމަށް ބަލާ އިރު، އެއީ ހަމަ ކޮންމެހެން ވެސް މަގާމެއް ދޭން ޖެހިގެން ދީފައި އޮތް މަގާމެއްކަން ސާފުކޮށް އެނގެ އެވެ. ހަމަ އެކަނި ގައުމުގެ ހިންގުމަށް ވިސްނައިގެން އެންމެ އެކަށީގެންވާ މީހުންނަށް މަގާމުތައް ދޭ ނަމަ މަތީ ފަޑީގައި ނުތިބޭނެ ކިތަންމެ ބަޔަކު އެ ފަދަ މަގާމުތަކުން މިއަދު ވެސް ފެންނާން އެބަ ތިއްބެވެ.

ދެ ވަނަ ކަމަކަށް ރާއްޖޭގައި މިހާރު ހޮވާފައި ތިބި 1100 އެއްހާ ކައުންސެލަރުންގެ ވާހަކަ އެވެ. ކޮންމެ އަތޮޅަކަށް އަތޮޅު ކައުންސެލަރުންގެ ގޮތުގައި ފަސް މީހުން، ރަށު ކައުންސެލަރުންގެ ގޮތުގައި ފަސް މީހުން އެބަ ތިއްބެވެ. މި މީހުންގެ މުސާރަ އަށް މަހަކު އެތައް މިލިއަން ރުފިޔާއެއް ހޭދަވެ އެވެ. ނުވި ތާކަށް ކޮންމެވެސް ކައުންސެލަރަކު ވަކި ކޮށްގެން ނުވަތަ އިސްތިއުފާ ދީގެން ދާއިރާއެއްގެ އިންތިޚާބެއް ނޯންނަ އިރެއް ވެސް ނުދެ އެވެ. މި ކައުންސެލަރުންތައް ހޮވިއެއް ކަމަކު ކުރިން ތިބި ކަތީބުންނާއި ކުޑަ ކަތީބުން ވެސް ހަމަ އެބަ ތިއްބެވެ. މަހުން މަހަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާނެ އެއް ބަޔަކީ މިއީ ކަން ހުރިހާ ސިޔާސީން ވެސް ދަނެ އެވެ. އެކަމަކު މަގޭ ޕާޓީގެ ކައުންސެލަރުން ވީމާ އެ ވާހަކަ ދައްކާން ބޭނުންވާ ސިޔާސީ އަކު ނެތެވެ. އެކަމަކު އެންމެ 100 މީހުން ހަމަ ނުވާ ރަށް ރަށުގައި ވެސް ފަސް ކައުންސެލަރުން އެބަ ތިއްބެވެ. އެ ހުރިހާ މީހުން ދުވަހުން ދުވަހަށް ބިޒީ ވެގެން ކުރާނެހާ މަސައްކަތެއް އެއިން ރަށު ކައުންސިލެއްގެ އިދާރާގައި ނުހުންނާނެ ކަން މި ގައުމުގެ ކުދި ބޮޑު އެންމެން ދަނެ އެވެ. ހަމަ އެހެންމެ އަތޮޅު ކައުންސިލެއްގައި ވެސް ފަސް މީހުން ސަލާމަތް ނުވާ ވަރަށް ކުރާނެ މަސައްކަތެއް ނުހުންނާނެ އެވެ.

މީ ވަރަށް ބޮޑު މައްސަލަ އެކެވެ. ރައްޔިތުން ސުވާލު އުފައްދާން ޖެހޭ މައްސަލަ އެކެވެ. ރައްޔިތުންގެ މަޖިލީހުން ޒިންމާ ނަގަން ޖެހޭ މައްސަލަ އެކެވެ. ލާ މަރުކަޒީ ކުރުމުގެ ނަމުގައި ގައުމަށް ނުތަކާ ވަރަށް ކައުސިލްތަކުގެ ސައިޒު ބޮޑު ކޮށް މަގާމުތަކާއި މުސާރަތައް ކަނޑައެޅި އިރު، އެއީ ދައުލަތުގެ ބަޖެޓުން އުފުލޭ ވަރުގެ ބުރައެއްތޯ ވިސްނައިލެއްވީ ކިތައް މެންބަރުން ބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ނުވަތަ އެއީ ހަމަ ހަގީގަތުގައި ވެސް އަތޮޅު ތަކާއި ރަށްތައް ހިންގުމަށް ޓަކައި ބޭނުންވާނެ ޢަދަދު ކަމަށް މަޖިލީހުގެ މެންބަރުންނަށް ގަބޫލު ކުރެއްވެނީ ބާވައޭ ވެސް ހިތަށް އަރަ އެވެ. ހަމަ ގައިމުވެސް އެނގޭ ހަގީގަތަކީ މީ މިހާރުން މިހާރަށް އިސްލާހެއް ވައްދަން ވެއްޖެ ކަމެއް ކެމެވެ. މި ޢަދަދުތައް ދެބައިކުޅަ އެއްބަޔަށް މަދު ކުރިޔަސް ގައުމުގެ ލާމަރުކަޒީ ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ އެވެ. އަދި ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ވާނެ އެވެ. ދެން އަންނަ އިންތިޚާބުގެ ކުރީން މިކަން ކޮންމެހެން ވެސް ކުރުން މުހިންމެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލިސް ވެސް ބޭނުންވާ ސައިޒަށް ވުރެ ބޮޑެވެ. މާލޭގެ 11 ދާއިރާ އިން ރައްޔިތުންގެ އަޑު އުފުލާށޭ ކިޔާފަ 11 މެންބަރުން ހޮވާފައިވާ އިރު، އެ 11 ދާއިރާގެ އަޑު މަޖިލީހުގެ ތެރޭގައި އިއްވާ އަޑެއް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނީވެ އެވެ. މަޖިލީހުގެ މެންބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އިއްވަވަނީ އެ ބޭފުޅުން ބޭނުންފުޅު އަޑެކެވެ. އެ އަޑުތައް ބައެއް ފަހަރު ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނެއްގައި ތިބެގެން އަހާލަން ކެރޭ ވަރެއް ނުވެ އެވެ. މިހާ ގިނަ މެންބަރުން ނެތަސް އެކަން ވާނެ އެވެ. އެހެން ކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު އިންތިޚާބީ ކޮންމެ ދާއިރާއަކުން ވެސް ދެޔަކަށް މަދު ކުރުމުން ފުދޭނެ އެވެ. ކުރިން ވެސް މާލެ އޮތީ ހަމަ އެހެންނެވެ. ވަކި ތަފާތެއް ނުފެނެ އެވެ. މިހާރު 11 މެންބަރުން މާލެ އަށް ތިބެގެން ވީ އިތުރު ފައިދާއެއް ނުފެނެ އެވެ. އެކަމަކު މާލީ ގޮތުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާތީ ލިބޭ ގެއްލުން އިންތިހާ އަށް ބޮޑެވެ. އެކަން އެބަ ފެނެ އެވެ. އެކަމަކު މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރާން ފާސްކޮށްދޭނީ ކޮންބައެއް ކަމެއް ނޭނގެ އެވެ. އެކަން ކުރާން ވެސް ތިބީ މަޖިލީހުގެ މެންބަރުންނެވެ. އެ ބޭފުޅުން ވެސް ގައުމާ މެދު ހެޔޮ ހިތަކުން ވިސްނަވާ ނަމަ މި ވާހަކަ ގަބޫލު ކުރައްވާނެ އެވެ.

ފިނޭންސް މިނިސްޓަރު ޖިހާދަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި ގައުމުގެ ރައްޔިތުން އަތުން އިތުރު ޓެކްސް ނެންގެވުމުގެ ވާހަކަ ދެއްކެވުމުން އަޅުގަނޑުމެން ބިރު ގަންނަ ވާހަކަ އެވެ. މިހާރު ވެސް ދިރިއުޅެވެނީކީ ނޫނެވެ. ރައްޔިތުން މިތިބީ ދެރަ ނިކަމެތި ހާލުގަ އެވެ. އެހެން ކަމުން މިހާރު މި އޮތް ސިސްޓަމުގެ ތެރެއިން ބޭކާރު ޚަރަދުތައް ނައްތައިލާން މަނިކުފާނު ވެސް ވަކާލާތު ކޮށްދެއްވާށެވެ. ދައުލަތުގެ ޚަޒާނާއިން، ރައްޔިތުންގެ ފައިސާ ހޭދަ ކުރާން ވާނީ އެ ކަމަކަށް ފުދޭ މިންވަރަށް އެންމެ ހެޔޮ އަދި ރަނގަޅު ގޮތުގަ އެވެ. މިހާރު އެކަން އެ ހިނގަނީ އެ މަގަކުން ނޫނެވެ. އެހެން ކަމުން އެ ފަދަ ޚަރަދު ކުރާން އަނެއްކާ ވެސް އަޅުގަނޑުމެން އަތުން ފައިސާ ނަންގަވާ ނަމަ އެއީ ވާނީ ވަރަށް ވެސް ބޭ އިންސާފުން ކުރެއްވޭ ކަމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް