ސަޓާ އެވޯޑްސް ކޮލޮމްބޯގައި ސެޕްޓެންބަރު މަހު ބާއްވަނީ

ސަޓާ އެވޯޑްސް: ސެޕްޓެންބަރު 19ގައި ކޮލަމްބޯގައި ބާއްވަން ވަނީ ނިންމާފައި --

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނުވަވަނަ އެޑިޝަން 2025 ސެޕްޓެމްބަރު މަހު ސްރީ ލަންކީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ނިންމައިފިއެވެ.

ފާއިތުވި އަހަރުތަކުގައި ސަޓާ ވަނީ ދެކުނު އޭޝިއާގެ މަޝްހޫރު ތަންތަނުގައި ބާއްވައިފައެވެ. މީގެ ތެރޭގައި މައުންޓް ލަވީނިއާ، ގޯލް ސިޓީ، ބެންގަލޫރު، މުމްބާއީ، އައްޑޫ ސިޓީ، ކަތަމަންޑޫ އަދި މާލެ ހިމެނެއެވެ. ކުރިއަށް އޮތް އެޑިޝަނަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އިވެންޓެއް ކަމަށް ސަޓާއިން ބުނެއެވެ.

މި އެޑިޝަނުގައި ވެސް ސަރަހައްދީ ދަތުރުފަތުރާއި ހޮސްޕިޓާލިޓީ ދާއިރާގެ ތަރައްގީއާއި އައު އީޖާދުތަކަށް ފާހަގަކުރާނެ ކަމަށް ސަޓާއިން ބުންޏެވެ.

މި އަހަރު ސަޓާގައި ދެކުނު އޭޝިއާގެ ހަ ގައުމަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. އެ ގޮތުން ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި، ޚިދުމަތްދޭ ފަރާތްތައް ހިމެނޭގޮތަށް 500 އަށްވުރެ ގިނަ ނޮމިނޭޝަން މި އަހަރު ލިބިފައިވާ ކަމަށް ސަޓާއިން ބުނެއެވެ.

ސަރަޙައްދީ ފެންވަރުގައި ސަޓާ އިތުރަށް މަގުބޫލުވަމުން އަންނައިރު، 18އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި ބޯޑުތަކުން މިހާރު މި އެވޯޑު ޕްރޮމޯޓު ކުރެއެވެ.

މީގެ ތެރޭގައި ސްރީލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (އެސްއެލްއޭއައިޓީއޯ) އަދި ދަ ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީލަންކާ (ޓީއެޗްއޭއެސްއެލް) ހިމެނެއެވެ.

މި އަހަރުގެ ސަޓާ އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ޖަނަވަރީ މަހެވެ.

ސްރީލަންކާގެ ކޮލޮމްބޯއާއި އިންޑިޔާގެ ބެންގަލޫރާއި ނިއު ދިއްލީގެ އިތުރުން، ނޭޕާލުގެ ކަތުމަންޑޫގައި ވެސް ސަޓާގެ އިވެލުއޭޝަން ވަނީ ބާއްވައިފައެވެ. އެއަށްފަހު ބުޓާންގެ ޕާރޯއާއި، މި ސަރަހައްދުގެ އިތުރު ސިޓީތަކުގައި ވެސް އިވެލުއޭޝަން ބާއްވާނެއެވެ.

އިވެލުއޭޝަންތައް ނިމޭނީ ސަޓާގެ ގާލާ ހަފުލާާއާ ހަމައަށެވެ. އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 19އާއި 20ގައެވެ.

ވަނަވަނައަށްދާ ފަރާތްތައް އިއުލާންކުރުން އޮންނާނީ އެ ހަފުލާގައި ވިޔަފާރީގެ އިސްވެރިންނާއި، ސަރުކާރުތަކުގެ ބޭފުޅުންނާއި، ބައިނަލްއަގުވާމީ މީޑިއާގެ ހާޒިރުގައެވެ.

ސަޓާއަކީ ދެކުނު އޭޝިޔާގެ އެކި ހިސާބުތަކަށް ސީދާ ގޮސްގެން އިވެލުއޭޝަންތައް ކުރިއަށް ގެންދާ ހަމައެކަނި ދަތުރުފަތުރުގެ އެވޯޑެވެ. އަދި މި އެވޯޑުގައި ބައިވެރިވުމަށް ނުވަތަ އިވެލުއޭޝަން ޕްރޮސެސްއަށް އެއްވެސް ފީއެއް ވެސް ނުނަގައެވެ.

ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ސަޓާ ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއަށް ކޮށްފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރާ އެންމެ އިސް އެއް ޕްލެޓްފޯމަށް ވެފައެވެ.

comment ކޮމެންޓް