ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަނެއްކާވެސް އިތުރު ހަ މީގެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ފެބްރުއަރީ 8 ގައި އައްޑޫ ސިޓީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ހަ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެއީ ކޮން ބައެއްގެ ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ފެބުރުއަރީ އަށް ވަނަ ދުވަހު ދަގަނޑާއި ލަކުޑިފަތި ހިފައިގެން މަގުމައްޗަށް ނުކުމެ އައްޑޫ ސިޓީގައި ހިމެނޭ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހައި އާންމުންގެ މުދަލަށް ގެއްލުން ދީފައިވާތީ އެވެ.
މިމަހުގެ ކުރީކޮޅު ވެސް ފުލުހުން ވަނީ އައްޑޫ ސިޓީގައި ފެބްރުއަރީ އަށް ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 26 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އަދި އޭގެ ކުރިން 60 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި 13 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.