މުއާސަލާތީ ގޮތުން ދިވެހިރާއްޖެ ގުޅުވާލަދިން މޭސްތިރިއަކީ ދިރާގެވެ. މިވީ އެތައް އަހަރެއް ތެރޭ ރާއްޖެއަށް އެތައް ކާމީޔާބީތަކެއް މުއާސަލާތީ ގޮތުން ހޯދައިދީފިއެވެ. މި ޚިދުމަތާއެކު، އެތައް ބަޔެއްގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ވާސިލުވެއްޖެއެވެ. ދުރުގައި ތިބި މީހުން މުއާސަލާތީ ގޮތުން ގުޅުވާލަދީ، ގުޅުންތައް ބަދަހިކޮށްދީފިއެވެ.
މިވީ ގިނަ އަހަރުތައް ތެރޭގައި އިންގިލާބީ ކާމިޔާބީތަކެއް ރާއްޖެއަށް ހޯދައިދިން ދިރާގުން ގެންގުޅޭ މުއާސަލާތީ 'ފޯމިއުލާ' ކާމިޔާބުކަން ހާމަވެއްޖެއެވެ. އެ ކާމިޔާބީގެ ފަހަތުގައި، މިހިސާބަށް ކުރި ދަތުރުގެ ވާހަކަ ނުލައި، ފުރިހަމައެއް ނުވާނެއެވެ.

ދިރާގުގެ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ --- ފޮޓޯ/ ދިރާގު
އެގޮތުން، ފައިބާ ބްރޯޑްބޭންޑް އެކްސެސްގެ ޚިދުމަތުން ރާއްޖޭގެ އެންމެން ގުޅުވާލައި, އަވަސް ދުވެލީގައި މުޅި ރާއްޖެއަށް އިންޓަނެޓުގެ ޚިދުމަތް ފުޅާކޮށްދީފިއެވެ. އަދި، އެއްވެސް ދިވެއްސަކު ބާކީ ނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު މޮބައިލް ކަވަރޭޖު ވެސް އެކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.
އެ ނެޓުވޯކު އިތުރަށް މެކުހަށް ޖެހީ، ފައިވްޖީ ތައާރަފުކުރުމުންނެވެ. އެގޮތުން، ދިރާގުގެ އެޚިދުމަތް މިދިޔަ އަހަރުގެ ތެރޭގައި އުކޫލާއިން ފާހަގަކޮށްފައެވެ. އެކަމުން އެކަނި ވެސް، އެކުންފުނިން ދިވެހީންނަށް ފޯރުކޮށްދޭ ޚިދުމަތް ކުރިއަރުވަން ބޭނުންވާ މިންވަރު ހެކިވެއެވެ.
އެ ޚިދުމަތާއެކު، ޒަމާނީކޮށް ކުރަން ޖެހޭ އެތައް ކަމެއް ކުރުމުގައި ދިވެހީންނަށް ލުއި ފަސޭހަތައް ލިބިއްޖެއެވެ. ކިޔެވުމާއި ވިޔަފާރިތަކާއި ސިއްހީ ދާއިރާ ހިމެނޭހެން އެހެން ދާއިރާތަކަށް ވެސް ގިނަ ފަސޭހަތައް ލިބިދީފިއެވެ. ދެން ވެސް އެކުންފުނިން ތިބީ އިތުރު އިންގިލާބީ ބަދަލުތައް ރާއްޖެއަށް ގެނެސްދިނުމުގައެވެ.

ދިރާގުން ތައާަރަފުކުރި ސަބްމެރިން ކޭބަލްގެ މަސައްކަތްތައް ދިރާގުގެ އިސް ބޭފުޅުން ބައްލަވާލައްވަނީ --- ފޮޓޯ/ ދިރާގު
އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ކަމަށްވާ ބައިނަލްއަގުވާމީ ސީ-މީ-ވީ ހަ ސަބްމެރިން ކޭބަލެއް ވެސް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ. އެ ކޭބަލުން ދުނިޔޭގެ އިންޓަނެޓް ސުޕަހައިވޭއާ ރާއްޖެ ގުޅާވަލައި، މުއާސަލާތީ ވިއުގަ އިތުރަށް ހަރުދަނާވިއެވެ. ދިރާގުން ބުނީ، ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފަށާނީ ވެސް 100 ޓީބީއެސްއިން ކަމަށެވެ.
އެ ކުންފުނިން އަންނަނީ މުޖުތަމައުގެ ފައިދާއަށްޓަކައި ވެސް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. މިގޮތުން، ދިރާގުގެ ސީއެސްއާރުގެ ދަށުން ޑިޖިޓަލް ކުރިއެރުންތައް ހޯދައިދިނުމަށް އެކި ޖަމިއްޔާތަކާ ގުޅިގެން ހިންގަމުން އަންނަ ޕްރޮގްރާމުތައް ފާހަގަކޮށްލެވެއެވެ.
އެ މަސައްކަތުގެ ތެރެއިން މިހާރު ވެސް އެކުންފުނިން އަމާޒު ހިފާފައި ހުރީ އަންހެނުންނާއި ކުދި ވިޔަފާރިތައް އިތުރަށް ބާރުވެރިކޮށްދިނުމަށެވެ. އަދި، މިހާރަށް ވުރެ، އިތުރަށް ވިއު ހަރުދަނާކުރުމަށެވެ.
މިއަދު ދުނިޔޭގެ ޓެލެކޮމިއުނިކޭޝަންގެ ދުވަސް ފާހަގަކުރާއިރު، ދިރާގުންކޮށްދޭ މަސައްކަތްތަކަށް ޝުކުރު ހައްގެވެ. އެއީ، އެކުންފުނީގެ މުއާސަލާތީ ވިއުގައިން މުޅި ރާއްޖެ ގުޅުވާލަދިން މަދަދުގާރަކަށް ވީތީއެވެ. އެތައް ބަޔެއްގެ މޫނު މައްޗަށް ހިނިތުންވުމާ އުފާވެރިކަން ގެނެސްދިނީތީއެވެ. އެހެންކަމުން، ދިރާގުގެ އެ މަސައްކަތަށް މެޑަލެއް ހައްގެވެ.