އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް، ބެލެވެނީ މަސްތުވެ ތިބި ކަމަށް: ފުލުހުން

ޕޮލިސް ޓޭްޕް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށާއި ބެލެވެނީ ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ހައްވާ ޔުމްނާއެވެ.

އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން މިރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެ މީހުން ތިބި ގެއާއި އެ އަންހެން ކުއްޖާ ވެއްޓޭ ވަގުތު ފިރިހެން މީހާގެ ހަރަކާތް ފެންނަ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިފައެވެ.

https://sun.mv/205118

ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އެ ރޭ ޔުމްނާއާ އެކު އުޅުނު ފިރިހެން މީހާއާއި ދެ މީހުންނެވެ. އެއަށް ފަހު ޔުމްނާއާ އެކު އުޅުނު ފިރިހެން މީހާ އެހެން ފިރިހެނަކާ ވާހަކަދައްކަން އިންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

ޔުމްނާއާއި ފިރިހެން މީހާއާ ދެ މީހުން ދެން ވަންނަނީ އެ ހިސާބުގައި ހުރި އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން އެ ގޭގެ ސިޑިގޮޅީގައި ތިބި މަންޒަރު ފެނެއެވެ. އަދި، އެ ތަނުގައި އެ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން، އެ ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އަންހެން ކުއްޖާގެ ވަގުތީ ނަތީޖާ ވެސް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން ކުއްޖާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށެވެ. އެ ކުއްޖާ ވެއްޓުނުއިރު ކައިރީގައި ފިރިހެން މީހާ ނެތް ކަމަށާއި ވެއްޓުމުގައި މީހެއްގެ އަތެއްނުވާކަން ޔަގީންވާ ކަމަށް ފުލުހުން ބުންޏެވެ.

ޔުމްނާ އެހާ މަތިން ވެއްޓުނީ ފެންލައިޓުން ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވެއްޓުނު އަޑަށް ފިރިހެން މީހާ ވެސް އެ ތަނަށް އައެވެ. އެ އަޑަށް އެ ގޭގައި އުޅޭ އެހެން ބައެއް މީހުން ވެސް ބޭރަށް ނުކުތެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 4:52 އެހާކަންހާއިރެވެ. އޭރު ފިރިހެން މީހާ ހުރީ ވެސް ހުސް ގަޔާއެވެ.

https://www.sun.mv/204959

އަންހެން ކުއްޖާ ވެއްޓުމުން ފިރިހެން މީހާ ރޯ އަޑު ވެސް ވީޑިއޯއިން އިވެއެވެ. އެ މީހާ ވަނީ އަންހެން ކުއްޖާ ހޯދަން މަސައްކަތް ކޮށްފައެވެ. އެކަމަކު، ނުފެނުމުން އެ މީހާ ދެން ދިޔައީ ގެއަށެވެ.

އަންހެން ކުއްޖާ ވެއްޓުނުކަން ފުލުހަށް ރިޕޯޓުކުރީ އާންމުންގެ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާވެފައިވުމުގެ ސަބަބުން އަންހެން ކުއްޖާއަކީ ކާކުކަން ވެސް ދެނެގަނެފައިވަނީ ފޭސް ރިކޮގްނިޝަން ޓެސްޓް ހަދައިގެންނެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ވެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.

މިހާރު އެކަމަކު ޔުމްނާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މައްސަލައިގައި ހިމެނޭ ބައެއް މީހުންނާ މިހާތަނަށް ސުވާލުކޮށްފައެއް ނުވެއެވެ. އަދި، ޔުމްނާއާ އެކު ފުރަތަމަ އުޅުނު ހަތް މީހުންގެ ތެރެއިން ވަކިން ގެއަކަށް ދިޔަ ހަތަރު މީހުންގެ ތެރެއިން ދެން ތިބި ދެ މީހުން ވަނީ މަސްތުވާތަކެއްޗަށް ޓެސްޓުކުރަން ދެކޮޅު ހަދައިފައެވެ.

އެހެންވެ، އެ މީހުން ތިބީ މަސްތުގެ ހާލުގައިކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް