އާމްދަނީ 11.2 ބިލިއަނަށް، ބަޖެޓު 3.4 ބިލިއަން އަރަނީގައި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ބަޖެޓު ވަނީ 3.4 ބިލިއަނުން އަރަނިވެފައި -- ފޮޓޯ/ މަޖިލިސް

މިދިޔަ ބުރާސްފަތީގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރުގެ ދައުލަތުގެ ބަޖެޓު އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ މާލީ ވުޒާރާއިން މިއަދު އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާއެވެ.

މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ:

  • ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ - 8.7 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 2.5 ބިލިއަން ރުފިޔާ
  • ހިލޭ އެހީ - 56 މިލިއަން ރުފިޔާ

މިދިޔަ ބުރާސްފައްޗާ ހަމައަށް ހޭދަވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެ ގޮތުން، އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 327.2 މިލިއަން ރުފިޔާއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މި އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާއެވެ.

މިދިޔަ ބުރާސްފަތީގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މި އަހަރުގެ ޚަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދައްކަން ހޭދަކުރީ 847.9 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހައިތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގައެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކިދާނެކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި، ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެއެވެ.

ސަރުކާރުން ވަނީ އިސްލާހީ ފިޔަވަޅުތަކަކާ އެކު މާލީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް