މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި

އިދިކޮޅު އެމްޑީޕީން މިހާރު ހިންގާ އިހުތިޖާޖުތަކުގައި އިސްކޮށް މަސައްކަތްކުރާ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) --

އިދިކޮޅު އެމްޑީޕީން މިހާރު ހިންގާ އިހުތިޖާޖުތަކުގައި އިސްކޮށް މަސައްކަތްކުރާ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ރޭ ކަޅު ތެޔޮ ޖަހައިފިއެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، ރޭ އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މަންދީ ގަޔަށް ކަޅު ތެޔޮ ޖެހި އަމަލު ކުށްވެރިކުރައްވައި ކަމަށް ވިދާޅުވެފައެވެ.

އަދި އެއީ ސަރުކާރު ބޭޒާރުވެ ބަލިކަށިވަމުން އަންނަކަން ހާމަވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގައިފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއް ވަނީ ހޫނުވެފައި ވަނިކޮށެވެ.

އެގޮތުން އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެއާއެކު ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ކަމަށް ވަނީ ރައްދުދީފައެވެ.

އެގޮތުން އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މި ހަފުތާ ތެރޭ މަދަނީ ދައުވާކުރަން ނިންމަވާފައިވާ ކަމަށެވެ.

މި މައްސަލަ އޮއްވައި، އިހުތިޖާޖުތަކާ ގުޅިގެން މަންދީ ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އަދި މާދަމާ ވެސް އޭނާއަށް ވަނީ ޕޮލިހަށް ހާޒިރުވާން އަންގައިފައެވެ.

comment ކޮމެންޓް