އިންޑިއާގެ ފުރަތަމަ 'ސެލެބްރިޓީ މާސްޓަޝެފް'ގެ ޓްރޮފީ ޓެލެވިޒަން ތަރި ގޯރަވް ކަންނާއަށް

މާސްޓަޝެފް ކާމިޔާބުކުރި އެކްޓަރޔ ގޯރަވް ކަންނާ--ފޮޓޯ/ފޭސްބުކް

އިންޑިއާގެ ޗެނަލް ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޒަންއިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގެނެސްދެމުން އައި ގޭމް ޝޯ "ސެލެބްރިޓީ މާސްޓަޝެފް"ގެ ޓްރޮފީ ޓެލެވިޒަން އެކްޓަރު ގޯރަވް ކަންނާ ކާމިޔާބުކޮށްފިއެވެ.

ގޯރަވްއަކީ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސީރީސް "އަނޫޕަމާ"އިން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރެކެވެ. ސޮނީ ޓެލެވިޒަންއިން އަލަށް ގެނެސްދިން "ސެލެބްރިޓީ މާސްޓަޝެފް"ގެ ފުރަތަމަ ސީޒަން ގެނެސްދީފައި ވަނީ އިންޑިއާގެ ޓެލެވިޒަން ދާއިރާގައި މަސައްކަތް ކުރާ މަގުބޫލު ތަރިންނާ އެކު ވަރަށް ވާދަވެރިކޮށެވެ.

ގޯރަވް މާސްޓަޗެފްގެ ތިން ފަނޑިޔާރުންނާ އެކު--ފޮޓޯ/ޓައިމްސްނައު

ޖުމްލަ 12 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ސީޒަންގައި އެކި ސްޓޭޖްތަކުން ބައިވެރިން އެލިމިނޭޓްވެ އެންމެ ފަހުގެ ފިނާލޭ އެޕިސޯޑަށް ހޮވުނީ "ބިގް ބޮސް 14"އިން މަޝްހޫރުކަން ހޯދި ތެލުގޫ ބަތަލާ ނިކީ ތަމްބޮލީ، ޓެލެވިޒަން ބަތަލާ ތޭޖަސްވަނީ ޕްރަކާސް، ސޯޝަލް މީޑިއާ ޕާސަނަލިޓީން ކަމަށްވާ ފައިސަލް ޝޭހް އަދި ރާޖީވް އަދަތިއާއެވެ.

މި ފަސް ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ ފައިނަލް އެޕިސޯޑުގައި ބައިވެރިންނަށް ދިނީ މާސްޓަޝެފް ލެވެލް ފެންވަރުގެ ދެ ކެއުމެއް ތައްޔާރު ކުރުމަށެވެ.

ގޯރަވްއާ އެކު މާސްޓަޝެފްގައި ވާދަކުރި އިތުރު ބައިވެރިން--ފޮޓޯ/މިޑްޑޭ

ފިނާލޭ ހަފުތާގެ ކުރިން ވެސް މި ސީޒަން ކާމިޔާބުކުރި ގޯރަވް ކަންނާ ވަނީ "ސެލެބްރިޓީ މާސްޓަޝެފް"ގެ ފަނޑިޔާރުންގެ ފުރިހަމަ ތާއީދު އެކްޓަރުގެ ހުނަރުން ހޯދައިފައެވެ. ގޯރަވް އެންމެ ފަހު ފަހަރަށް މި ގޭމް ޝޯގެ ފަނޑިޔާރުންނަށް ތައްޔާރުކޮށްދިން ދެ ކެއުމަށް ލިބުނު ތައުރީފާއެކު އެ ވަގުތުކޮޅުވީ އެކްޓަރަށް ވަރަށް ޖަޒުބާތީ ވަގުތުކޮޅަކަށެވެ.

ސޮނީލިވްއިން އެކްސްކުލޫސިވްކޮށް ރޭ ދެއްކި "ސެލެބްރިޓީ މާސްޓަޝެފް"ގެ އެއްވަނަ މަގާމު އެކްޓަރު ގޯރަވް ކަންނާ ކާމިޔާބުކުރިއިރު އެކްޓަރަށް ވަނީ ޓްރޮފީއާއެކު 23،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ލިބިފައެވެ.

ރޭގެ ޝޯގައި ފަނޑިޔާރުންގެ ގޮތުގައި ފަރާ ޚާން އަދި އިންޑިއާގެ އެންމެ ކާމިޔާބު ދެ ޝެފުން ކަމަށްވާ ވިކާސް ކަންނާ އާއި ރަންވީރު ބްރާ ބައިވެރިވިއިރު އިންޑިއާގެ ކަލިނަރީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައި މަޝްހޫރު ޝެފް ސަންޖީވް ކަޕޫރު ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް