ބޮލީވުޑް ބަތަލާ ނެހާ ޝަރުމާ ރާއްޖޭގައި

ބޮލީވުޑް ބަތަލާ ނެހާ ޝަރުމާ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑް ބަތަލާ ނެހާ ޝަރުމާ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ.

ނެހާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ރީތިކަމުގެ ޖާދޫގައި ޖެހިފައިވާ ކަމަށް ބުނެ، ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ނެހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ދ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ބަގްލިއޮނީ މޯލްޑިވްސްގައެވެ. ނެހާގެ އިންސްޓަގްރާމްގައި މިއަދު ހިއްސާކުރި ފޮޓޯތަކުގައި ނެހާއާ އެކު ކޮއްކޮ އައިޝާ ޝަރުމާ ވެސް މި ދަތުރުގައި ބައިވެރިކަން ވަނީ އެނގިފައެވެ.

އައިޝާ ޝަރުމާ މިހާތަނަށް ކުޅުނު ހަމައެކަނި ފިލްމަކީ ޖޯން އަބްރަހަމް ލީޑް ރޯލް ކުޅުނު ބޮލީވުޑް ފިލްމު "ސަތްޔަމޭވަ ޖަޔަތޭ"އެވެ.

ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ފޮޓޯތަކާ އެކު ކެޕްޝަންގައި ނެހާ ބުނެފައިވަނީ، ހުވަފެނީ ދުނިޔެއެއްގައި އުޅެވޭކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

ނެހާގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ފިލްމުތަކުގެ ތެރޭ "ތުމް ބިން 2"، "މުބާރަކަން"، "ތަންހާޖީ" އަދި "ޔަންގިންސްތާން" ހިމެނެއެވެ. ނެހާއަކީ ބޮލީވުޑްގައި މާބޮޑު ކުރިއެރުމެއް ނުލިބި ފަހުން ފިލްމުތަކުން މާ ބޮޑަށް ނުފެންނަ ބަތަލާއެކެވެ. ނެހާ ފަހަކަށް އައިސް ގިނައިން ފެނުނީ މިއުޒިކް ވީޑިއޯތަކުންނާއި ވެބް ސީރީޒްތަކުންނެވެ.

ނެހާގެ އެންމެ އަވަހަށް ފެންނާނީ އެކްޓަރު އަޖޭ ދޭވްގަންގެ މަގުބޫލު ފިލްމު "ދޭ ދޭ ޕިޔާރު މޭ 2"އިންނެވެ. މި ފިލްމުގައި ނެހާ ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް ހާމަކޮށްފައިނުވާއިރު ފިލްމުގެ ލީޑް ބަތަލާ އަކީ ރަކުލް ޕްރީތް ސިންގްއެވެ.

comment ކޮމެންޓް