ފިލްމު 'ޑޮން 3'ގެ ބަތަލާގެ ރޯލަށް ޝަރުވަރީ ޔަގީންވެއްޖެ

ފިލްމީ ތަރި ޝަރުވަރީ ވާގް--ފޮޓޯ/މިޑްޑޭ

އަންނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމު "ޑޮން 3"ގެ ބަތަލާގެ ރޯލަށް ޝަރުވަރީ ވާގު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު "މުންޖުޔާ"، "މަހާރާޖް" އަދި "ވެދާ" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާއާ އެކު އިތުރު އެހެން ބަތަލާއެއް ފިލްމުން ފެންނާނެ ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ.

ނަމަވެސް އެއީ ކޮން ފިލްމީ ތަރިއެއްކަން އަދި ހާމަ ނުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޑޮން 3" ގެނެސްދޭ އެކްސެލް އެންޓަޓެއިންމަންޓާ ގުޅުންހުރި ފަރާތަކުން ބުނެފައި ވަނީ ޝަރުވަރީ ފިލްމަށް ގެންނަން ނިންމާފައިވާއިރު "ޑޮން 3"ގައި ޝަރުވަރީ ފެންނާނީ ވަރަށް ތަފާތު ރޯލަކުން ކަމަށެވެ.

ފިލްމު 'ޑޮން 3'ގެ ލީޑް އެކްޓަރު ރަންވީރު ސިންގް އަދި ބަތަލާގެ ރޯލަށް ގެންނަން ނިންމާފައިވާ ޝަރުވަރީ ވާގް--ފޮޓޯ/މިޑްޑޭ

ޝަރުވަރީ އަންނަނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ އެކްޝަން ފިލްމު "އަލްފާ"ގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް "ޑޯން 3"ގައި ބަތަލާ ކުޅޭ ރޯލަކީ މުޅިން ތަފާތު ޖޯންރާއެއްގެ އެކްޝަން ރޯލެއް ކަމަށާއި އެއީ ޝަރުވަރީއަށް ވެސް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ އުއްމީދީ ފިލްމީ ތަރިންގެތެރޭ ހިމެނޭ ޝަރުވަރީ އަކީ ވަރަށް އުޖާލާ ކުރިމަގެއް އިންޑަސްޓްރީގައި އޮތް ބަތަލާއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ފަހަކަށް އައިސް ޝަރުވަރީ ކުޅެން އެއްބަސްވާ ފިލްމުތަކަކީ މުޅިން ވެސް ބޮޑެތި ޕްރޮޑަކްޝަން ކުންފުނިތަކުގެ ފިލްމަށްވެފައި އިންޑަސްޓްރީގެ އެންމެ މަގުބޫލު އަދި ތަޖުރިބާކާރު ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ބަތަލާއަށް ލިބެމުންދާތީއެވެ.

ރިޕޯޓުތައް ބުނާގޮތުން ޝަރުވަރީއަށް ވަނީ ޑައިރެކްޓަރު އިމްތިޔާޒުގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައެވެ. ފިލްމު "ޑޮން 3"ގެ ރޯލްއެއް ޝަރުވަރީއަށް ލިބިފައި މިވަނީ ކުރިން އެ ރޯލް ކުޅެން ހަމަޖެހިފައިވާ ބަތަލާ ކިއާރާ އަދުވާނީ ބަލިވެއިނުމާ ގުޅިގެންނެވެ. ކިއާރާ ވަނީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ބަތަލާ ސޮއިކޮށްފައިވާ ގިނަ ފިލްމުތައް ދޫކޮށްލާފައެވެ.

comment ކޮމެންޓް