އިބްރާހީމްގެ ފިލްމީ ކެރިއަރު ފެށުމާއެކު ލިބުނު ފާޑުކިޔުންތަކަށް ރައްދު ދީފި

އެކްޓަރު ސައިފް އަލީ ޚާން އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހީމް އަލީ ޚާން--ފޮޓޯ/ފިލްމުފެއަ

ދާދިފަހުން ފިލްމު "ނަދާނިޔާން"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި އިބްރާހިމް އަލީ ޚާން (އިގީ)ގެ އެކްޓިންގްއާ ބައްޕަ ސައިފްގެ އެކްޓިންގްއާ އަޅާ ކިޔާތީ އެކަމާ ކަންބޮޑުވާ ކަމަށް އިބްރާހީމް ބުނެފިއެވެ.

އިބްރާހީމްގެ ފުރަތަމަ ފިލްމު ރިލީޒްވުމާ އެކު ފިލްމުގައި އިބްރާހީމް ދެއްކި ހުނަރަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް ބައްޕަ ސައިފްގެ އެކްޓިންގްއާ އަޅާ ބަލާއިރު ގިނަ ބަޔަކު އުއްމީދު ކުރިހާ ފުރިހަމައަށް ޕާފޯމް ނުކުރެވޭ ކަމަށް ވެސް އެއް ބަޔަކު ވަނީ ބުނެފައެވެ.

ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި މިކަމާ ގުޅިގެން އިބްރާހީމް ބުނީ، ވަރަށް ގިނަ މީހުން އަޅާ ކިޔާފައި ވަނީ ސައިފްގެ ފިލްމު "ހަމް ތުމް"ގައި އެކްޓަރު ދެއްކި ޕާފޮމެންސްއަށް ކަމަށެވެ.

އެކްޓަރު ސައިފް އަލީ ޚާން އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ އިބްރާހީމް އަލީ ޚާން އަދި ސާރާ އަލީ ޚާން--ފޮޓޯ/ފިލްމުފެއަ

ފިލްމު "ހަމް ތުމް"އަކީ ބައްޕަ ސައިފްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށާއި އެ ފިލްމުގައި ކުޅުނު ރޯލަށް ސައިފަށް ނެޝަނަލް އެވޯޑު ލިބުނު ކަމަށް އިބްރާހީމް ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ފިލްމަކުން ބައްޕަ ސައިފް ދެއްކި އެކްޓިންގްއާ އިބްރާހީމްގެ ފުރަތަމަ ފިލްމުގައި އޭނާ ދެއްކި އެކްޓިންގްއާ އަޅާ ކިޔުމަކީ އިންސާފެއް ނޫން ކަމަށް ވެސް އިބްރާހީމް ވަނީ ބުނެފައެވެ.

ބައްޕަ ސައިފް އަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި ނަމަވެސް އިބްރާހީމް ބޭނުން ވަނީ އޭނާގެ އުމުރުން 30 އަހަރުވާއިރު އަމިއްލަ މަސައްކަތުން ފިލްމު އިންޑަސްޓްރީގައި އަމިއްލަ ނަމެއް ގާއިމުކުރުމަށް ކަމަށް 24 އަހަރުގެ ޒުވާނާ ވަނީ ބުނެފައެވެ. އެ ކަމަށް އެއްވެސް މީހެއްގެ ހިޔަނީގައި ހުރެގެން މަސައްކަތް ކުރުމަށް ބޭނުންނުވާ ކަމަށް އިބްރާހީމް ވަނީ ބުނެފައެވެ.

އިބްރާހީމްގެ ފިލްމީ ކެރިއަރުގެ ވާހަކަތަކާ އެކު އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ވެސް މި އިންޓަވިއުގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ފިލްމުފެއާއިން އިބްރާހީމްގެ ލޯބިވެރިޔާ ޕަލަކް ތިވާރީއާ ގުޅޭގޮތުން ސުވާލު ކުރުމުން އެކްޓަރު ބުނެފައި ވަނީ އެއީ ރަޙްމަތްތެރިއެއް ކަމަށާއި ޕަލަކް އަކީ ވަރަށް ރަނގަޅު ރަހްމަތްތެރިއެއް ކަމަށެވެ.

މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައިވާ ޕަލަކް އާއި އިބްރާހީމްގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވެމުން އަންނަތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް ދެ މީހުންގެ ގުޅުމަށް މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

ޕަލަކް އާއި އިބްރާހީމް ވަނީ ދާދިފަހުން އެކީގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ވެސް އައިސްފައެވެ.
އިބްރާހީމް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ކަޔޯޒޭ އިރާނީ ޑައިރެކްޓްކުރާ ފިލްމު "ސަރުޒަމީން"އިންނެވެ. ބަތަލާ ކާޖޮލް މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމުގައި އިބްރާހީމް ކުޅެނީ އަސްކަރީ އޮފިސަރެއްގެ ރޯލެވެ.

comment ކޮމެންޓް