ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާން އެނބުރި ބޮލީވުޑަށް އަންނަ ފުރަތަމަ ފިލްމު "އަބީރު ގުލާލް"ގެ އިތުރު ޓީޒާއެއް ރިލީޒްކޮށްފިއެވެ.
ރިލީޒްކުރާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "އަބީރު ގުލާލް"ގައި ފަވާދާއެކު ބަތަލާގެ ރޯލުން ފެންނާނީ ބޮލީވުޑްގެ ތަރި ވާނީ ކަޕޫރެވެ. މި ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ގިނަ ބެލުންތެރިން ވަނީ ބުނެފައެވެ.
'ޚުދާޔާ އިޝްޤް'ގެ ނަމުގައި އެ ފިލްމުގައި ހިމަނާފައިވާ ލަވައިގެ ޓީޒާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ވާނީ ބުނީ ހިއްސާކުރި ލަވައިން ލޯބީގެ ސަލާމް ކިޔުމަށް ތައްޔާރުވުމަށެވެ.
އާތީ އެސް ޑައިރެކްޓްކޮށްފައިވާ "އަބީރު ގުލާބް"އަކީ 2016 ވަނަ އަހަރަށްފަހު ފަވާދު ބޮލީވުޑް ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު "އަބީރު ގުލާލް"ގެ ކްރޫ--ފޮޓޯ/ބޮލީވުޑްހަންގާމާ
ފަވާދު އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ބޮލީވުޑް ފިލްމަކީ ދަރުމާ ކުންފުނިން 2016ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޭ ދިލް ހެ މުޝްކިލް"އެވެ. އޭގެ ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުންތައް ގޯސްވެ ޕާކިސްތާނު ފިލްމީ ތަރިން އިންޑިއާގައި މަސައްކަތް ކުރުން އޭރު މަނާކުރިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ފިލްމު "އަބީރު ގުލާލް" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާއިރު އިންޑިއާގެ ދެ ސިޔާސީ ޕާޓީއަކުން ވަނީ ފަވާދުގެ ފިލްމު އިންޑިއާގައި ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އަޑު އުފުލާފައެވެ.
އެހެންނަމަވެސް ފިލްމު އިންޑިއާގައި ރިލީޒްކުރުމަށް ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމެއް ފިލްމު ގެނެސްދޭ ކުންފުނިން ބުނެފައެއް ނުވެއެވެ.