ގާސިމްގެ ފުރިހަމަ ޚަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅަނީ

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ސޮއިކުރުން -- ފޮޓޯ: ފުލުހުން

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ފުލުހުން ބުނީ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު މާމިގިލީގައި ކަމަށެެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

ވިލާ ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފައުންޑޭޝަނުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ބިންގާ އެޅުން -- ފޮޓޯ: ފުލުހުން

މި މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.

ފުލުހުން ބުނީ މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނޭ ކަމަށެވެ.

މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މާމިގިއްޔަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާ ރަށެއްގެ އިތުރުން، ބޭންކިން ފަދަ ޚިދުމަތްތައް ވެސް ގާއިމްކޮށްފައިވާ ރަށެކެވެ. އިގްތިޞާދީ މަސައްކަތްތައް ރަށުގައި ހިންގާއިރު، ފުލުހުންގެ ޚިދުމަތް ރަށުގައި ގާއިމްވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވެމެކެވެ.

comment ކޮމެންޓް

comment އިބްރާހިމް

1 week 3 day ago

އިމާރާތް އެޅިޔަސް، މީހުން ގިނަކުރިޔަސް، ފުލުހުންގެ ޚިދުމަތަށް އަންނާނެ ހެޔޮ ބަދަލެއް ނެތެވެ. ޢަޅުގަނޑަށްވެސް މިހެން ދަންނަވަން ހިތަށް ދަތިވެއެވެ. 28 އަހަރު އެތަނުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން، ތަނުގެ ބަލިކަށިކަމާއި، ގިނަ ފުލުހުންގެ އަހްލާޤީ ފެންވަރު ދަށްވުމާއި، ތަނުގައި ޒަމާނީ އޮޕްރޭޝަނަލް އިކްއިޕްމަންޓް ނެތުމާއި، ތަނުގައި އެލީޓް ފޯހެއް ނެތުމާއި، ފުލުހުންގެ ދާއިރާއިން ތަމްރީނުތައް ހަދާ އަދި އެތަން އެނގޭ ބޭފުޅަކު ސީޕީ ކަމުގައި ނެތުމާއި، މިނިސްޓަރަށް ޤާނޫނީގޮތުން ނެތް ބާރުތަކެއް ފުލުހުންގެ އޮޕްރޭޝަނަލް ކަންކަމުގައި ބޭނުންކުރުމާއި، ޓްރެއިނިންގ މޮޑެލް ރިވައިސްކޮށްފަ ނެތުން ހިމެނެއެވެ. ކޮރަޕްޝަަންގެ ކަންކަން އިންތިހާއަށް ދިޔައިރު އެމްސީ ސަރ އަޅާނުލާ ހުންނެވީއެވެ. ޢަދި އެކަން ބެލުމަށް މިިހާތަނަށް މިހާރުގެ ސީޕީގެ ފަރާތުން ލީޑަޝިޕްގެ ކަންފުޅެއްވެސް ނުފެނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ތަނެއް ނެތެވެ. ޖުމްލަކޮށް ގައުމެއްވެސް ނެތެވެ.