ފުރަތަމަ ފަހަރަށް ގައިދީންނާއި އާއިލާތައް އެކުގައި ޖަލުގައި މާހެފުމެއް ބާއްވައިފި

ހުޅުމާލޭ ޖަލުގައި ގައިދީންނާއި އާއިލާތަކަށް ޚާއްސަކޮށް ބޭއްވި ހަފުލާގެ ތެރެއިން ---- ފޮޓޯ/ ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އިންތިޒާމު ކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނާއި އާއިލާތަކަށް މާހެފުމެއް ރޭ ބާއްވައިފިއެވެ.

ހުޅުމާލެ ޖަލިގައި ބޭއްވި މި ހަރަކާތާ ގުޅުވައި ކަރެކްޝަންއިން ބުނީ، މި ހަރަކާތަކީ އެ ޖަލުން އިސްނަގައިގެން ގައިދީންގެ ރިހެބިލިޓޭޝަނާއި ނަފުސާނީ ދުޅަހެޔޮ ކަމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ރޯދަ މަހާ ގުޅުވައި ބޭއްވި މި ހަފުލާގައި ގައިދީންނާއި އާއިލާތައް އެއްކޮށް އަގުހުރި ވަގުުތުތަކެއް ހޭދަކުރި ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމުން އެ މީހުން ރޭ އުފާ ފާޅުކޮށްފައިވާ ކަމަށް ކަރެކްޝަން އިން ވަނީ ބުނެފައެވެ.

މި މާހެފުން ބާއްވާފައި ވަނީ ޖަލުގެ ގޯތިތެރެ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްގެންނެވެ. އެ ހަފުލާގައި މީރު ކެއުންތަކާއި ބުއިންތައް ލިބޭނެ އިންތިޒާމު ހުރީ ހަމަޖައްސައިފައެވެ.

ހުޅުމާލޭ ޖަލުގައި ގައިދީންނާއި އާއިލާތަކަށް ޚާއްސަކޮށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ ކަރެކްޝަންސް

އެގޮތުން، މި ހަފުލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ހުޅުމާލެ ޖަލުގެ ޑައިރެކްޓަރު އަދި ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާޑުﷲ، ހެޑް އޮފީހުގެ ސީނިއާ އޮފިސަރުންގެ އިތުރަށް މުވައްޒަފުން އަދި ހުޅުމާލެ ޖަލުގެ ބައެއް އޮފިސަރުން ވަނީ ބައިވެރިވެޑައިގެންފައެވެ.

އެ ހަފުލާގައި ޒަރީރު ވިދާޅުވީ، ޖަލުގައި ބަންދުކޮށްފައިވާ ގައިދީންނަށް ގާނޫނާއި ގަވައިދުގެ ތެރެއިން ދެވެން އޮތް ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގައިދީންގެ އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅާ ކަމަށެވެ. ގައިދީން ރިހެބިލިޓޭޓް ކުރުމަށް ކިޔައިވައިދޭ ފިލާވަޅުތަކާ އެއްކޮށް އާއިލާއިން ގައިދީންނާ ބައްދަލުކުރުމުގެ މުހިންމުކަން ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ.

އާއްމުކޮށް ގައިދީންނަށް އާއިލާތަކާ ބައްދަލު ކުރެވެނީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި ވަގުތު ތަކަކަށެވެ.

ކަރެކްޝަނުން ބުނީ، މި ހަފުލާގެ ކާމިޔާބީއަށް ބަލައި، އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ޖަލުން ރާވާފައިވާ ކަމަށެވެ،

comment ކޮމެންޓް