މާލޭ ބޭރުގައި އޮތް ކްރޫޒްލައިނާ، އެމްއެސްސީ މެގްނިފިކާއިން 2،818 ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އެ ކްރޫޒްލައިނާ މާލެ އައިސްފައިވަނީ އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެންނެވެ. މިދިޔަ މަހުގެ 27ގައި ދަތުރު ފަށައިގެން މެގްނިފިކާ މާލެ އައީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އިމިގްރޭޝަނުން ބުނީ ޕެސިފިކް ކަނޑު ހުރަސްކޮށް އިންޑިއާ ކަނޑަށް ކުރި މި ދަތުރަކީ، އެ އިދާރާއިން ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރު ކަމަށެވެ.
އެ ކްރޫޒްލައިނާއިން 2،818 ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދިންއިރު، އޭގެ ތެރޭގައި ހިމެނެނީ 1،866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަހަރުގެ މިހައިތަނަށް 667،730 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރެއިން 69.5 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ޓޫރިސްޓު ރިޒޯޓުތަކަށެވެ.