ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝާފިއު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސަށް ފޮނުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިން ސަބަބު ރައީސަށް ފޮނުއްވި ސިޓީގައި އޮންނާނެ. އެ ވާހަކަ އިތުރަށް ދައްކަން ބޭނުމެއް ނޫން," ޝާފިއު ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވި ސަބަބު މީޑިއާގައި ހާމަ ކުރަން ޝާފިއު ވަނީ ދެކޮޅު ހައްދަވައިފައެވެ.
އޭނާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ފިޝަރީޒް މިނިސްޓްރީގެ މީޑިއާގެ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން ބައެއް ތަމްރީނު ޕްރޮގްރާމްތައް އޭނާގެ ބެލުމުގެ ދަށުން ހިންގާފައިވެއެވެ.
ޝާފިއު 2013 އިން 2018 އަށް އުޅުއްވީ އުފަން ރަށް ގއ. ގެމަނަފުށީ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައެވެ.
އޭގެ ފަހުން މަސްވެރިކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅުއްވިއެވެ.
އަދި އަމިއްލަ މަސް ދޯންޏެއްގެ އިތުރުން މަސްވެރިކަމަށް ޚާއްސަ އޮންލައިން ވެބްސައިޓެއް ވެސް އޭނާ ހިންގަވައެވެ.