ވައްތީނި: ސައިޒުން ކުޑަޔަސް ފައިދާތައް އެހާ ގިނަ

ވައްތީނި: މިއީ ކީރިތި ޤުރުއާނުގައި ވެސް ބަޔާންކުރައްވާފައިވާ ސިއްހީ އެތައް ފައިދާތަކެއް އެކުލެވޭ މޭވާއެއް--ފޮޓޯ/ޑޮކްޓަރއާތް

ދަނބުކުލައެއްގައި އަތުގެ ބޮޑުވާ އިނގިލީގެ ސައިޒު ހުންނަ ވައްތީނި މޭވާ އަކީ އޭގައި އެތައް ސަތޭކަ އޮށްތަކެއް އެކުލެވޭ މޭވާއެކެވެ.

އިނގިރޭސި ބަހުން 'ކޮމަން ފިގް'ގެ ނަން ނަންދެވިފައިވާ މި މޭވާ އަކީ ދެކުނު އޭޝިޔާ އަދި އިރުމަތީ މެދު ސަރަހައްދުގައި އާއްމުކޮށް ހެދޭ މޭވާއެކެވެ. ވައްތީނި ގަހަކީ ތީނި އާއިލާގެ ގަހެކެވެ.

ދޮންނުވާއިރު ފެހި ކުލައިގައި ހުންނަ މި މޭވާގެ ބޮޑު މިނުގައި 5-3 ސެންޓިމީޓަރު ހުރެއެވެ. ދޮންވުމުން ވައްތީނީގެ ފެހިކުލަ ބަދަލު ވަނީ ދަނބު ކުލައަށެވެ.

ވައްތީނި އަކީ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވޭ ސިއްހީ އެތައް ފައިދާތަކެއް އޭގައި އެކުލެވޭ މޭވާއެކެވެ. މި މޭވާގައި އެކުލެވޭ ނިއުޓްރިއެންޓްސް މާއްދާގެ މުއްސަނދިކަމާ އެކު މިއީ ކެލޮރީސް މިންވަރު ވަރަށް މަދުން އޭގައި އެކުލެވޭ މޭވާއެކެވެ.

ވައްތީނި ތަކެއް ހިއްކާފައި--ފޮޓޯ/ފުޑް.އެންޑީޓީވީ

އެހެންވެ ކެއުމުގައި ކެލޮރީސް ހިމަނާ މިންވަރު މަދުކުރުމަށް ސަމާލުކަންދޭ މީހުންނަށް މިއީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. ވައްތީނީގައި އެކުލެވޭ ވައިޓަލް މިނެރަލް ކަމަށްވާ ކޮޕާގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްދެއެވެ.

ހަމައެއާއެކު ވައްތީނީގައި އެކުލެވޭ ވިޓަމިން ބީ6 އަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަށިގަނޑުގައި ޕްރޮޓީންސް އުފެއްދުމަށް އެހީތެރިވެދޭ ވިޓަމިންގެ މާއްދާއެކެވެ.

އެމެރިކާގެ ސްޕްރިންގްފީލްޑްގެ ރެޖިސްޓަޑް ޑައިޓީޝަން އެމީ ރިޗްޓާ ބުނެފައިވާ ގޮތުގައި ވައްތީނީގައި އެކުލެވޭ ހަކުރުގެ މާއްދާ އަކީ ގުދުރަތީ ގޮތުން އެ މޭވާ އުފެދުމުގައި ވެސް އެކުލެވޭ ބާވަތެކެވެ.

ވައްތީނި އަކީ ބައެއް މީހުން ހިއްކައިގެން ބޭނުންކުރާ ބާވަތަކަށްވީއިރު ހިއްކާލުމުން އޭގައި އެކުލެވޭ ފެނުގެ މާއްދާގެ މިންވަރު ދަށްވާ ކަމަށާއި ނަމަވެސް ހަކުރު އަދި ކެލޮރީގެ މިންވަރު ހުންނާނީ ތާޒާކޮށް ހުންނަ ވައްތީނީގައި ވެސް ހުންނަ މިންވަރަށް ކަމަށް ޑައިޓީޝަން އެމީ ރިޗްޓާ ވަނީ ބުނެފައެވެ.

ވައްތީނިން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކުގެތެރޭ ލޭމައްޗަށް ދިއުން ކޮންޓްރޯލްކޮށްދީ، ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

މިއީ ފައިބާ މާއްދާއިން މުއްސަނދި މޭވާއަކަށްވުމުގެ ސަބަބުން ގޮހޮރުގައި ހުންނަ ކެންސަރަށް މަގުފަހިވާ ކުރުވާ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ ކަމަށް ޑައިޓީޝަން އެމީ ރިޗްޓާ ވަނީ ބުނެފައެވެ.

ހަމައެއާއެކު ހަޖަމުގެ ނިޒާމަށް ވެސް މިއީ ވަރަށް ރަނގަޅު މޭވާއެކެވެ. ވައްތީނި އަކީ ހަމުގެ މައްސަލަ ދިމާވާ މީހުންނަށް ވެސް ފަރުވާއެކެވެ.

ޑައިޓީޝަން އެމީ ރިޗްޓާ ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރު 15 މީހުން ހިމަނައިގެން ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި ވައްތީނި ގަހުގެ ފަތް ބޭނުންކޮށްގެން ތައްޔާރުކުރި ސައި ބުއި މީހުންނަށް އެ މީހުން ތަހައްމަލު ކުރަމުންދިޔަ އެގްޒީމާއަށް ލުޔެއް ލިބުމަށް މަގުފަހިވިއެވެ.

މިއީ ހަށިގަނޑަށް އޭގެއިން ފައިދާތަކެއް ލިއްބައިދޭ މޭވާއަކަށްވީ ނަމަވެސް ޑައިޓީޝަން އެމީ ރިޗްޓާ ލަފާދީފައި ވަނީ ދުވާލަކު ދޭއް ނުވަތަ ތިން ވައްތީނިއަށް ވުރެ ގިނައިން ނުކެއުމަށެވެ.

ސަބަބަކީ ވައްތީނި މާގިނައިން ކައިފިނަމަ ބޭރަށް ހިންގުން ފަދަ މައްސަލަ ކުރިމަތިވެދާނެތީއެވެ.

comment ކޮމެންޓް