އަސޭމިރުހަކީ ބަދިގޭގައި ބޭނުންކުރާ ހަވާދުގެ ބާވަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެންމެ ޚާއްސަ އެއް ބާވަތެވެ.
ކެއްކުމުގެ އިތުރުން އަސޭމިރުހަކީ ބޭސްވެރިކަމުގެ ބޭނުމުގައި ވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ބާވަތެކެވެ. އަސޭމިރުސް ނުވަތަ 'ބްލެކް ޕެޕާ' ޚާއްސަ ވަނީ އޭގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ޕައިޕަރައިންގެ ސަބަބުންނެވެ.
އަސޭމިރުހުގައި ހިމެނޭ މުހިއްމު ނިއުޓްރިއެންޓްސްގެ ތެރޭގައި، އަޔަން، ޕޮޓޭސިއަމް، މެގްނީސިއަމް، މެންގަނީސް، ޒިންކް، ކްރޯމިއަމް އަދި ވިޓަމިން އޭ ހިމެނެއެވެ.
ސިއްހީ ގޮތުން ދިމާވާ ކެއްސުން، ރޯގާގެ ބަލިތައް އަދި ވައިރަލް ހުމާ އެކު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ އަސޭމިރުހުން ތައްޔާރުކޮށްފައިވާ ސަޔެވެ.

އަސޭމިރުހަކީ އޮބޭސިޓީ ބަލި ހުންނަ މީހުންނަށް އެހީއެއް--ފޮޓޯ/ޒިޒިރާ
އަސޭމިރުސް ސައި ނުވަތަ 'ބްލެކް ޕެޕާ ޓީ' އިން ލިބޭ ސިއްހީ ފައިދާތަކުގެ ތެރޭ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދިނުމުގައި އެހީތެރިވުން ހިމެނެއެވެ. ހަމައެއާއެކު މިއީ އޮބޭސިޓީ ނުވަތަ ފަލަބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ވެސް ވަރަށް ރަނގަޅު ބުއިމެކެވެ.
އަސޭމިރުހުގައި އެކުލެވޭ ޕައިޕަރައިންގެ ސަބަބުން މި ސައި ބޯނަމަ އޮބޭސިޓީ ހުންނަ މީހުންނަށް އެ މީހުންގެ ބަރުދަން ކޮންޓްރޯލްކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ރެޖިސްޓަޑް ޑައިޓީޝަން ކެތުލީން އެމް. ޒެލްމަންގެ ލިޔުމެއްގައި ވަނީ ބަޔާންކޮށްފައެވެ.
ސާޅީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ރެޖިސްޓަޑް ޑައިޓީޝަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކެތުލީން ބުނެފައިވާ ގޮތުގައި، އަސޭމިރުހަކީ އެއް އިރެއްގައި 'ބްލެކް ގޯލްޑް'ގެ ނަމުގައި ގިނަ ބަޔަކު ނަންދީފައިވާ ބާވަތެއް ކަމަށެވެ.
ކެތުލީން ބުނެފައިވާ ގޮތުގައި އަސޭމިރުހުގައި ހުންނަ ޕައިޕަރައިން އަކީ ހަގީގަތުގައި އޭގެއިން ލިބޭ ސިއްހީ ފައިދާތަކަށް އިތުރު ބޫސްޓެއް ގެނެސްދޭ މާއްދާއެއް ކަމަށެވެ.
އަސޭމިރުސް ސަޔަކީ އޭގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ކާހިތްނުވާ މީހުން ކާހިތްޖެއްސުމަށް ވެސް އެހީވެދޭ ބުއިމެކެވެ. ހަމައެއާއެކު ކާނާ ހަޖަމު ކުރުމުގެ ނިޒާމަށް ލުޔެއް ގެނެސްދީ ކާނާ ހަޖަމު ކުރުމުގައި ބައެއް މީހުންނަށް ދިމާވާ ނުތަނަވަސް ކަމުން އަސޭމިރުސް ސައި ބުއިމުން އެހީވެދޭ ކަމަށް ކެތުލީން ވަނީ ބުނެފައެވެ.
ހަމައެއާއެކު އަސޭމިރުހުގައި އެކުލެވޭ މެންގަނީސް ކިޔާ މިނަރެލްއެއްގެ ސަބަބުން ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ބައެއް މީހުން މުގުރާފައި ވިއްކަން ހުންނަ އަސޭމިރުސް ބޭނުންކުރާ ކަމަށާއި ނަމަވެސް އަމިއްލައަށް އަސޭމިރުސް ގަނެގެން މުގުރާލައިގެން ބޭނުން ކުރުމުން އެއީ ލިބިދޭ ފައިދާ އިތުރުވާނެ ކަމަށާއި އެހެން އެއްވެސް ބާވަތެއް އެއާ އެކުވެފައި ނުވާކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮންނާނެ ކަމަށް ކެތުލީން ވަނީ ބުނެފައެވެ.