މޫސުމަށް އަންނަ ބަދަލުތަކާ އެކު މާބޮޑަށް ތުންފަތް ހިކި ފަޅައިގެން ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ ކަމެކެވެ.
ތުންފަތް މާ ބޮޑަށް ހިކުމާ ގުޅިގެން އުފެދިފައި ހުންނަ ހަންކޮޅުތައް ނެއްޓުމަކީ ވެސް ބައެއް މީހުންގެ ކަށީގައި ހަރުލާފައި ހުންނަ ނުރަނގަޅު އާދައެކެވެ.
ނޭނގި ނަމަވެސް މިގޮތަށް އަތުން ތުންފަތުގެ ހަންކޮޅުތައް ނެއްޓުމަކީ ހަގީގަތުގައި ވަރަށް ވޭން ހުރި ކަމެކެވެ. އެމެރިކާގެ ރެޖިސްޓަޑް ނަރުހެއް ކަމަށްވާ ގެރަޑް ވިޓްވޯތު ބުނެފައިވާ ގޮތުގައި ތުންފަތުގައި ހުންނަ 'ޑެޑް ސްކިން ސެލް'ތައް ނައްތާލުމަށް ސެލޫނަކަށް ދިއުމުގެ ބަދަލުގައި ގޭގައި ކުޑަ ބުރުހަކުން ނުވަތަ ސްކްރަބަކުން ނޫނީ މަޑު ސްޕޮންޖު ކޮޅަކުން އުނގުޅާލެވިދާނެއެވެ.
ތުންފަތް ރަނގަޅަށް މޮއިސްޗަރައިޒް ކުރުމުގެ ކުރިން ރަނގަޅު ސްކްރަބްއެއް ތައްޔާރުކުރުމަށްފަހު މޮއިސްޗަރައިޒް ކުރުމަށް ގެރަޑް ވިޓްވޯތު ވަނީ އިރުޝާދު ދީފައެވެ. ގޭގައި އެކި ވައްތަރުގެ ސްކްރަބް ތައްޔާރުކުރާނެ ގޮތް ވެސް ގެރަޑް ވިޓްވޯތު ވަނީ ކިޔައިދީފައެވެ.
އެގޮތުން އެއް މޭޒުމަތީ ސަމުސާގެ ހަކުރު ނުވަތަ ލޮނު ރާޅުކޮށް ހުންނަ ވަރަށް މުގުރާލުމަށްފަހު މާމުއި ނުވަތަ ކާށި ތެލާ އެއްކޮށްލެވިދާނެއެވެ. އެއަށްފަހު ތައްޔާރުކުރި ސްކްރަބް މަޑު ކަފަކޮޅަކުން ނުވަތަ ކަފަ ބުރަކުން ތުންފަތުގައި އުނގުޅާލުމަށްފަހު ރަނގަޅަށް މަސާޖުކޮށްލާށެވެ. ގާތްގަނޑަކަށް 15-20 މިނެޓުވަންދެން ބެހެއްޓުމަށްފަހު ސާފު ފޮތިކޮޅަކުން ތުންފަތް ދޮވެލާށެވެ.
ތުންފަތް ރަނގަޅަށް ސާފުކޮށް ދޮވެލުމަށްފަހު ރަނގަޅަށް މޮއިސްޗަރައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ގެރަޑް ވިޓްވޯތު ވަނީ އިރުޝާދުދީފައެވެ. މޮއިސްޗަރައިޒް ކުރުމަށް އެންމެ ރަނގަޅު އެއް ބާވަތަކީ ކާށި ތެޔޮކަމަށް ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ކަމަށް ގެރަޑް ވިޓްވޯތު ވަނީ ބުނެފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ކާށި ތެލުގެ ސަބަބުން ތުންފަތުގެ ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމުގައި ހުރަހެއްގެ ގޮތުގައި ކާށި ތެޔޮ އެހީވެދޭ ކަމަށް ދައްކައެވެ.
ހަމައެއާއެކު އެލޯވެރާ، މާމުއި، ޕެޓްރޯލިއަމް ޖެލީ އަދި އެވަކާޑޯ ބަޓާ އަކީ ތުންފަތް ތެތްކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތްތައް ކަމަށް ގެރަޑް ވަނީ ބުނެފައެވެ.
ތުންފަތް ހިކި ހަންފޮޅުމުން ރައްކާތެރިކުރުމަށް ބޭނުންނަމަ ގިނައިން ފެން ބުއިމަށާއި، ހިއުމިޑިފަޔައެއް ބޭނުންކުރުން، އެކި ވައްތަރުގެ ފްރެގްރެންސް އަދި އަލްކަހޯލްގެ މާއްދާތައް އެކުލެވޭ ލިޕް ބާމްތައް ބޭނުންކުރުން ހުއްޓާލުން އަދި އަނގައިން ނޭވާލުމުގެ ބަދަލުގައި ނޭފަތުން ނޭވާލުން ހިމެނެއެވެ.