ގުޅުންތައް ގޯސްވެފައިވާ އިންޑިއާއާއި ބަންގްލަދޭޝްގެ ވެރިން ބައްދަލުކުރައްވައިފި

ބަންގްލެދޭޝްގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ބެންގްކޮކްގައި އިއްޔެ ބައްދަލުކުރައްވަނީ

ބެންކޮކް (5 އެޕްރީލް 2025): ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުންތައް ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ، ބަންގްލަދޭޝްގެ މިހާރުގެ ވަގުތީ ވެރިޔާ ޑރ. މުހައްމަދު ޔޫނުސް އާ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވީ ބެންކޮކްގައި މިހާރު ކުރިޔަށްދާ ސަރަހައްދީ އިގްތިސާދީ މަހާސިންތާއެއްގެ ހަވާސާގައެވެ. މި މަހާސިންތާގެ ނަމަކީ "މަލްޓި ސެކްޓަރ ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަންގެ ބޭ އޮފް ބެންގަލް އިނިޝިއޭޓިވް" ނުވަތަ ބިމްސްޓެކް އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަތަކާބެހޭ އެއްވެސް މައުލޫމާތެއް ދެ ގައުމުން ކުރެ އެއް ގައުމަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ބެންކޮކްގައި ކުރިޔަށްދާ "ބިމްސްޓެކް"ގެ ބައްދަލުވުންތަކުގައި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ތައިލެންޑް، މިޔަންމާ، ނޭޕާލް، ސްރީލަންކާ އަދި ބޫޓާން މި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުންތައް ގޯސްވީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި އިންޑިއާގެ ބާރާއި ނުފޫޒު، ބަންގްލަދޭޝްގައި އާދަޔާ ޚިލާފަށް ބޮޑުވެގެންދިޔުމާ ގުޅިގެންނެވެ.

އަދި ޝައިޚް ހަސީނާ ބަންގްލަދޭޝްގައި ކުރެއްވި ދިގުލީ އަނިޔާވެރި ކޮރަޕްޓް ވެރިކަމުގެ ފަހަތުގައި އެ ވެރިކަމަށް ވާގިވެރިވާން އިންޑިއާ އޮތުމުގެ ސަބަބުންނެވެ.

ހަސީނާގެ އަނިޔާވެރި ވެރިކަމުގެ ނިޒާމަށް ވާގިވެރިވެ އެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރީ އިންޑިއާ ކަމަށް ބަންގްލަދޭޝްގެ އާންމުންގެ އިތުރުން ބަންގްލަދޭޝްގެ މިހާރުގެ ވަގުތީ ސަރުކާރުން ދެކެއެވެ. އެ ވާހަކަތައް ފާޅުގައި ދައްކައި އިންޑިއާ ކުށްވެރި ކުރެއެވެ.

ބަންގްލަދޭޝްގެ ރައްޔިތުން ހަސީނާގެ ވެރިކަމާ ދެކޮޅަށް އުތުރި އެރުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންނެވީވެސް އިންޑިއާ އަށެވެ.

ބަންގްލަދޭޝްގެ ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަންކޮށް އަދި ބަންގްލަދޭޝްގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރާލި ގާތިލް ހަސީނާ އަށް އިންޑިއާ އިން ސިޔާސީ ހިމާޔަތް ދިނުމުންް ދެގައުމުގެ ގުޅުންތައް އިތުރަށް ގޯސްވެެގެން ދިޔައެވެ. މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ އާންމުންގެ ރުޅިވެރިކަމާއި ނުރުހުން އިންޑިއާ އަށް އިންތިހާއަށް އަމާޒުވެގެން ދިޔައެވެ.

ހަސީނާގެ ވެރިކަން ވެއްޓުމާއެކު އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުންތައް ފަހުގެ ތަރީޚެއްގައި ގޯސްވެފައި ނުވާވަރަށް ގޯސްވެގެން ދިޔައެވެ. އަދި ބަންގްލަދޭޝްގައި އޮތް އިންޑިއާގެ ބާރާއި ނުފޫޒުވެސް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. ދެގައުމުގެ ވިޔަފާރީގެ ގުޅުންތައް ހީނަރު ވެގެންދިޔައެވެ.

ބަންގްލަދޭޝްގައި އިންޑިއާ އިދިކޮޅު ރޫހު ބޮޑުވެގެން ދިޔުމުގެ ސަބަބުން އިންޑިއާގެ ބައެއް ޑިޕްލޮމޭޓުންވެސް ބަންގްލަދޭޝް ދޫކޮށް އެނބުރި ގައުމަށް ދިޔައެވެ. މިއާއެކު ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުންތައް ނުކެނޑުނު ނަމަވެސް އޭގެ އެންމެ ދަށު ދަރަޖައަށް ދިޔައެވެ.

އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނަވައިގެން ޝައިޚް ހަސީނާ ބަންގަލަދޭޝްގެ އައު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވުުމުން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ޝައިޚް ހަސީނާ ބަންގްލަދޭޝް އާ ހަވާލުކުރުމަށް އިންޑިއާގެ ކިބައިން އެދުނެވެ. އެއީ ހަސީނާގެ މައްޗަށް ޝަރީއަށް ހިންގުމަށް ޓަކައެވެ. ބަންގްލަދޭޝްގެ މި އެދުމަށް އިންޑިއާއިން އިޖާބަ ދީފައެއް ނުވިނަމަވެސް އެއަށްފަހު ހަސީނާގެ އަޑުވަނީ ކެނޑިފައެވެ.

comment ކޮމެންޓް