އިންޑިއާއިން ޑޮމެސްޓިކް އެއާފެއާ ކެޕްސް އުވާލައިފި، ޓިކެޓްގެ އަގު އުފުލިދާނެ

އިންޑިއާގެ ޑޮމެސްޓިކް ފްލައިޓްތަކަށް ސަރުކާރުން ކަނޑައެޅި އަގު މިހާރު ވަނީ އުވާލާފައި. ފޮޓޯ/ސަންޑޭގާޑިއަން

އިންޑިއާގެ ސަރުކާރުން އެގައުމުގެ ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓް އަގަށް ކަނޑައަޅާފައިވާ ކެޕް ނުވަތަ އަގުގެ ހުދޫދު މިއަދުން ފެށިގެން އުވާލުމަށް ނިންމައިފިއެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އޭވިއޭޝަން ޓާބައިން ފިއުލްގެ އަގު އިންތިހާއަށް އުފުލި، އެއާލައިންތަކުގެ ހިންގުމުގެ ހަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެއާލައިންތަކަށް ލިބޭ ބޮޑު މިނިވަންކަމެކެވެ. މީގެ ކުރިން ޓިކެޓްގެ އަގު ކޮންޓްރޯލުކުރީ ޑިސެމްބަރު މަހު އަގުތައް އިންތިހާއަށް އުފުލުމުގެ ސަބަބުންނެވެ. މިހާރު މި ކެޕް އުވާލުމުން އެއާލައިންތަކަށް މާކެޓްގެ ޑިމާންޑާ އެއްގޮތަށް އަގު ކަނޑައެޅުމުގެ ފުރުސަތު ލިބޭނެއެވެ. ސަރުކާރުން ބުނަނީ އަގުތައް މޮނިޓާ ކުރާނެ ކަމަށާއި، ބޭއިންސާފުން އަގުތައް އުފުލައިފިނަމަ އަލުން ފިޔަވަޅު އަޅާނެ ކަމަށެވެ.

  • ޑޮމެސްޓިކް ފްލައިޓްތަކުގެ އަގު ކޮންޓްރޯލުކުރާ ކެޕް އުވާލުން
  • އޭވިއޭޝަން ޓާބައިން ފިއުލްގެ އަގު ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
  • މާކެޓްގެ ޑިމާންޑަށް ބަލައި އަގު ކަނޑައެޅުމުގެ މިނިވަންކަން އެއާލައިންތަކަށް ލިބުން
  • އަގުތައް އިންތިހާއަށް އުފުލިއްޖެނަމަ ސަރުކާރުން އަލުން ބެލުމުގެ ފުރުސަތު އޮތުން

އިންޑިއާގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އަގަށް ސަރުކާރުން ވަގުތީ ގޮތުން ކަނޑައެޅި ކެޕް މިއަދުން ފެށިގެން އުވާލަން ނިންމައިފިއެވެ.

އެ ނިންމުމުގެ ސަބަބުން އޮޕަރޭޓިން ހަރަދުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެއާލައިންތަކަށް މިނިވަންކަމާއެކު ދަތުރުފަތުރުގެ އަގު ކަނޑައެޅުމަށް ފަހިވާނެއެވެ.

ކެޕް އުވާލަން ސަރުކާރުން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އޭވިއޭޝަން ޓާބައިން ފިއުލް (އޭޓީއެފް) ގެ އަގު އުފުލުމާއި އޮޕަރޭޝަންތަކަށް ބުރޫއަރައި އެއާލައިންތަކުގެ ޚަރަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އޮޕަރޭޝަންއަށް ބުރޫއެރުމުގެ ސަބަބުން ޓިކެޓް އަގު އުފުުލުމާ ގުޅިގެން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ވަނީ އަގު ކަނޑައަޅާފައެވެ. އޭރު އޮތީ އިކޮނޮމީ ކްލާސް އެއްކޮޅު ޓިކެޓް 18000 ރުޕީސްއަށްވުރެ މަތި ނުކުރޭ ގޮތަށެވެ.

މިހާރު ކެޕް އުވާލުމާއެކު، އެއާލައިންތަކަށް ޑިމާންޑާ މާކެޓް ހާލަތަށް ބަލައި ޓިކެޓްގެ އަގު ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ނިންމުމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ނަމަވެސް އެކަން ގާތުން މޮނިޓާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޓިކެޓްގެ އަގު އުުފުލެމުންދާނަމަ، އަލުން ކޮންޓްރޯލު ކުރާނެ ކަމަށް ވެސް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ކެޕް އުވާލުމުން އޮފް ސީޒަންތަކުގައި ޓިކެޓުގެ އަގު ހެޔޮވެ، އެނޫން ސީޒަންތަކުގައި އަގު ބޮޑުވެދާނެއެވެ. އަދި ކެޕް އުވާލުމުން އަގު ކަނޑައެޅުމުގައި އެއާލައިންތަކުގެ މެދުގައި ވާދަވެރިކަން އުފެދުން ވެސް އެކަށީގެންވެއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލު ނަގާފައެވެ. އޭގެއިތުރުން މެދުއިރުމަތީގައި ހުރި ތެލުގެ ވަސީލަތްތަކަށް ވެސް ހަމަލާ ދެމުންދާތީ، ތެލުގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.

comment ކޮމެންޓް