ބޭންކުތަކަށް ފައިސާ ނުދެވި، ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ބަނގުރޫޓޫވުމުގެ މަގުމަތީ: ސައުދުއްﷲ

މެންބަރު ސައުދުﷲ ހިލްމީ: އޭނާ ވަނީ ކޮންސްރަކްޝަން ކުންފުނިތަކަށް ފައިސާ ނުލިބި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވެ، ކުންފުނިތައް ބަނގުރޫޓު ވަމުންދާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މެންބަރު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވަނީ، ކޮންސްޓްރަކްޝަން ކުންފުނިތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވަމުން ދާކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާއަކުން މުދާ ދިން ފަރާތްތަކަށް ފައިސާ ނުދެވި އެތައް ކުންފުންޏެއް ވަނީ ދަރަނިވެރިވެ، ބަނގުރޫޓުވުމުގެ ހާލަތުގައި ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެގޮތުން، އެކުންފުނިތަކުން ކުރި ކަމަކާ ނުލައި އެތައް އަހަރެއްގެ މަސައްކަތް، ހަލާކުވެގެން ދިޔުމަކީ ވަރަށް ބޭއިންސާފު އަދި، ރާއްޖޭގެ އިގުތިޞާދަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މެންބަރު ސައުދުﷲ "ސަން"އަށް ވިދާޅުވީ، މިކަން ދިމާވާން ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ވަނަ އަހަރުން ފެށިގެން ކަމަށެވެ.

މިގޮތުން، މަހެއް ނުވަތަ ދެމަހެއް ފަހުން ބިލަކަށް ފައިސާ ދިނުމަކީ އުސޫލެއް ނޫން ކަމަށާއި އެކަން އެންމެ ބޮޑަށް ދިމާވެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ދަށުން މަސައްކަތްކޮށްފައި ހުރި ކުންފުނިތަކަށް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅީފަޅުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްތެރިންތަކެއް -- ފޮޓޯ/ އިންފިނިޓް މޯމެންޓްސް/ އާއިޝް އަޝްރަފް

އެހެންވުމުގެ ސަބަބުން މި މައްސަލަތައް ދިމާވެގެން މިއުޅެނީ އިނގޭތޯ. މި ސަރުކާރާ ހިސާބަށް އައިއިރުގައި ވެސް އޮތީ ވަރަށް ބޮޑު އެއްޗެއް ކުންފުނިތަކަށް ދޭން ޖެހި، ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައި ހުރީ

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރަށް ވެސް ބޮޑު އަދަދެއްގެ ފައިސާ އެ ކުންފުނިތަކަށް ދައްކާ ޚަލާސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެއީ، ކޮންސްޓްރަކްޝަން ކުންފުނިތަކުން މަސައްކަތް ނަގައިގެން މިއުޅެނީ ޓެންޑާ ބޯޑުން އިއުލާނުކުރީމައި އެއޮފީހަކުން. އެ އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކޮށްފައި ފައިސާ ލިބެން އޮންނަ މުއްދަތުގައި އެ ލިބެން ޖެހޭނެ ދެއްތޯ. ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވެގެން މި ދަނީ

ފައިސާ ނުލިބޭތީ ކުންފުނިތަކަށް ދިމާވާ މައްސަލަތައް ވަރަށް ތަފުސީލުކޮށް މެންބަރު ކިޔައިދެއްވިއެވެ. މިގޮތުން، ބޭންކުތަކުން ނަގާފައި ހުންނަ ލޯނުތައް ނުދެއްކޭތީ އިންޓްރެސްޓު ރޭޓު ބޮޑުވުމާއި ވިސާ ފީއާއީ ކޯޓާ ފީއާއި ޖީއެސްޓީ އަދި ކްރެޑިޓަށް މުދާ ވިއްކާ ފަރާތްތަކަށް ވެސް ފައިސާ ނުދެވި ބަނގުރޫޓު ވާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި، ބައެއް ކުންފުނިތަކުން ކޯޓަށް ވެސް މައްސަލަތައް ހުށަހަޅާފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސައުދުއްﷲ ވަނީ ގޮވައިލައްވާފައެވެ.

ސައުދުއްﷲގެ އިތުރުން ބައެއް އިދިކޮޅު ފަރަތްތަކުން ވެސް ދަނީ މި މައްސަލަ ފެންމަތިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރު މަޝްރޫތައް ފެނަކަ، އެމްޓީސީސީ އަދި އާރުޑީސީ ފަދަ ސަރުކާރު ކުންފުނިތަކާ ހަވާލުކުރާކުރާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާހަގަކުރެއެވެ.

comment ކޮމެންޓް